މިއަދު ރާއްޖެ ވަޑައިގަންނަވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދިވެހި ދައުލަތުން ދޭ އެންމެ މަތީ ޝަރަފު "ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަން" ގެ ލަގަބު އަރުވަން ހަމަޖެހިއްޖެއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި، އޮފިޝަލަކާއި ހަވާލާދީ ބުނެފައި ވަނީ، މޯދީ ރާއްޖެއަށް މިއަދު ވަޑައިގަންނަވާ އިރު، އެމަނިކުފާނަށް އިހުތިރާމް އަދާކުރެއްވުމުގެ ގޮތުން ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަން ލަގަބު އަރުވަން ހަމަޖެހިފައިވާ ކަމަށެވެ.

މިއީ ރާއްޖޭގައި ގައުމެއްގެ އިސް ވެރިޔަކަށް ދެވޭ އެންމެ މަތީ ލަގަބެވެ. މީގެ ކުރިން ވެސް މި ލަގަބު ބޭރުގެ ބައެއް އިސް ވެރިންނަށް ވެސް ދީފައިވެއެވެ. އެގޮތުން އިނގިރޭސި ރާނީ އެލިޒަބަަތު އެލެކްސް ސެންޑްރާ މޭރީ (އެލިޒަަބަތު 2) އާއި، ދެކުނު ކޮރެއާގެ އޭރުގެ ކުރީގެ ރައީސް ޗުންޑޫ ހުވާނަށާއި، ކޮމަންވެލްތްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ސާ ޝްރީދަތު ރާމްފާލަށް އަދި ސައުދީ ޕްރިންސް އަލްވަލީދު ބިން ތަލާލު ބިން އަބްދުލްއަޒީޒް އާލް ސައޫދަށް މިއިއްޒަތް އަރުވާފައިވެއެވެ.

މި އިއްޒަތަކީ ގާނޫނުއަސާސީގެ 115ވަނަ މާއްދާގެ (ޑ) އިން އެކިފަރާތްތަކަށް، ގާނޫނުގައިވާ ގޮތުގެމަތިން، އިނާމާއި، ލަގަބާއި، ޝަރަފާއި، މެޑެލް ދިނުމުގެ ބާރު ރައީސަށް ލިބިދީފައިވެއެވެ.