2001 ވަނަ އަހަރުގެ މަޝްހޫރު ހިންދީ ޓީވީ ސީރީޒް ކަސޯޓީ ޒިންދަގީ ކޭގެ ޒަމާނީ ރީބޫޓް، ކަސޯޓީ ޒިންދަކީ ކޭ 2 ގައި މިސްޓާ ބަޖާޖުގެ ރޯލަށް ހަމަޖެއްސި ޒުވާން ބަތޮލް ކަރަން ސިންހް ގުރޫވަރު، ސީރީޒްގެ ޝޫޓިންގްގެ މަސައްކަތް ފަށައިފިއެވެ.

މިސްޓާ ބަޖާޖުގެ ރޯލުން ފެނިގެންދާނެ ޒުވާން ބަތޮލަކާ މެދު ކުރެވެމުންދިޔަ ހޫނު ބަހުސްތައް ނިމުމަކަށް ގެނެސް، މިސްޓާ ބަޖާޖުގެ ގޮތުގައި ހަމަޖެއްސި ކަރަން ސިންހް ގުރޫވަރުގެ މަންޒަރުތައް، ކުރިއަށް ހަފުތާ ތެރޭގައި ދައްކަން ފަށާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ވާހަކަ މިހާތަނަށް ގޮސްފައިވާ ގޮތަށް ބަލާއިރު ވިޔަފާރިވެރިޔާ މިސްޓާ ބަޖާޖުގެ ހިލަމެއް، އަނޫރާގްއާއި ޕްރޭނާއަށް ވަނީ ވެފައެވެ. އަނޫރާގުގެ ވިޔަފާރި އަތުލާ، އޭނާގެ ދިރިއުޅުން ވިއްސިވިހާލިކޮށްލުމަށް މިސްޓާ ބަޖާޖު އަންނަކަން އަނޫރާގްއާއި ޕްރޭނާއަށްވެސް އެނގެއެވެ. ނަމަވެސް ނޭނގި އޮންނަނީ އެބުނާ މިސްޓާ ބަޖާޖެއް ހުންނަ ގޮތެވެ.

ކުރިއަށް އޮތް އެޕޮސޯޑްތަކުގައި ފެނިގެންދާނީ ޕްރޭނާއާއި އަނޫރާގުގެ ކައިވެންޏާ ގުޅުންހުރި ކަންތައްތަކެއް ކަމަށް ވާއިރު، މިސްޓާ ބަޖާޖުގެ ގޮތުގައި ކަރަން ފެނިގެންދާނީ މިހާ ހިސާބުންނެވެ. އަދި އެއާއެކު އަނޫރާގްއާއި ޕްރޭނާގެ ލޯބީގެ ވާހަކަ މުޅިން އެހެން މިސްރާބަކަށް ބަދަލުކޮށްލާނެއެވެ.

2001 ވަނަ އަހަރުގެ ސީރީޒްގައި ވީ ގޮތް އެންމެނަށްވެސް އެނގޭއިރު، ރީބޫޓްގައި ވާހަކަ ބަދަލުކޮށްލާނެ ގޮތަށް އޮތީ އިންތިޒާރުކުރުމެވެ.

ކަސޯޓީގެ އޮރިޖިނަލް ސީރީޒްގައި މިސްޓާ ބަޖާޖުގެ ރޯލުން ފެނިގެންދިޔަ ރޯނިތު ރޯއީއަކީ ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދި ބަތޮލެކެވެ.