އިންޑިއާގެ ބޮޑު ވަޒީރު، ނަރެންދްރަ މޯދީ، ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ރައްޔިތުންނަށާއި ރާއްޖެއަށް އެއްވެސް ހުތުރު ނަމެއް ލިބޭނޭ ކަމެއް ނުކުރާނެ ކަމަށް އިދިކޮޅު، ޕީޕީއެމް އަދި ޕީއެންސީން ބުނެފިއެވެ.

ޕީޕީއެމް އަދި ޕީއެންސީން މިއަދު ނެރުނު ނޫސް ބަޔާނުގައި، އެ ދެޕާޓީން ބުނީ، މޯދީ ރާއްޖެ ވަޑައިގަންނަވަނީ އިންޑިޔާގެ އެކުވެރި ރައްޔިތުން ތަމްސީލު ކުރެއްވުމަށް ކަމުގައިވާތީ، އެމަނިކުފާނުގެ ދަތުރުފުޅު އެ ދެ ޕާޓީން ބަލައިގަނެ މަރުހަބާ ދަންނަވާނެ ކަމަށެވެ. އަދި 2018 ވަނަ އަހަރު ރާއްޖެއަށް ޕާކިސްތާންގެ ބޮޑުވަޒީރު ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަގުމައްޗަށް ނިކުމެވަޑައިގެން މުޒާހަރާކުރައްވައި، ސަލާމަތީ ބާރުތަކަށް ދަތިވާނޭ ގޮތަށް ކަންކަން ކުރައްވާފައި ވާކަން އެ ދެ ޕާޓީން ވަނީ ފާހަގަ ކޮށްފައެވެ. އަދި ހަމަ އެހެންމެ، ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ދަތުރުފުޅާ ދިމާކޮށް އެމްޑީޕީ އިސްކޮށް އޮވެގެން ހިންގާފައިވާ ނާތަހުޒީބް އަމަލުތައްވެސް ފާހަގަ ކުރަމުން އެ ދެ ޕާޓީން ބުނީ ރައްޔިތުންނަށާއި ރާއްޖެއަށް އެއްވެސް ހުތުރުނަމެއް ލިބޭނޭ ކަމެއް ކުރިޔަށް ނުގެންދާނޭ ކަމަށެވެ.

މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖެއާއެކު ސޮއިކުރެއްވުމަށް ސަރުކާރުން ނިންމަވާފައިވާ އެއްބަސްވުންތަކުގެ މައިގަނޑު ތަފްސީލްތައް ރައްޔިތުންނަށް ހާމަކުރެއްވުމަށް ޕީޕީއެމް އަދި ޕީއެންސީން ވަނީ ސަރުކާރަށް ގޮވާލާފައެވެ. އަދި، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާނޭ ގޮތަށް ރާއްޖޭގެ މައިދޮރާށި ނުއަގުގާ ވިއްކާލި ވިއްކާލުމުގެ ހަނދާންތައް އާކުރަމުން، އިދިކޮޅުން ވަނީ މިހާރުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ބަލައި، މިފަދަ ނިންމުމެއް ނިންމުމުގެ އިހުތިމާލު އޮތް ކަމަށް ބުނެފައެވެ. މީގެ އިތުރުން އިދިކޮޅުން ވަނީ، ރާއްޖޭގެ އަމިއްލަ ވެރިކަމާއި ސިޔާދަތަށް އަދި އިގްތިސާދީ ގޮތުން ވަކި ބަޔަކަށް ބަރޯސާވާންޖެހޭ ވަރުގެ އެއްވެސް ގެއްލުމެއް ވާނޭ ފަދަ ކަމެއް ނުކުރުމަށްވެސް ސަރުކާރަށް އިލްތިމާސް ކޮށްފައެވެ.

ޕީޕީއެމް އަދި ޕީއެންސީން ވަނީ މޯދީގެ ދަރުތުފުޅުގެ ކަންކަން ރާއްޖޭގެ ސަގާފަތާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިހްތިރާމް ކޮށްގެން ކުރިޔަށް ގެންދިއުމަށް ސަރުކާރަށް އިލްތިމާސްކޮށްފައެވެ. އަދި މިހާރު ގެ އިންތިޒާމްތަށް ހުރިގޮތުން، މިހިނގާ ހަރޯދައިގެ ދުވަސް ތަކުގެ ދުވަހެއްގެ މަޣްރިބު ނަމާދުގެ ފުރުސަތު ނުލިބޭ ކަމަށް ފާހަގަކުރެވޭތީ، ފަރުޟު ނަމާދެއްގެ ފުރުސަތު މެންބަރުންނަށް ގެއްލޭނޭ ފަދަ ގޮތަކަށް އިންތިޒާމްތައް ނުކުރެއްވުމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށާއި، ދައުލަތަށް އެ ދެ ޕާޓީން ވަނީ ގޮވާލާފައެވެ.

އިދިކޮޅު ދެ ޕާޓީން ހަރޯދައިގެ ދުވަސް ތަކުގެ ދުވަހެއްގެ މަޣްރިބު ނަމާދުގެ ފުރުސަތު މެންބަރުންނަށް ގެއްލޭނޭ ފަދަ ގޮތަކަށް މޯދީ މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ އިންތިޒާމްތައް ހަމަޖައްސައިފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، މޯދީގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް މިހާރު ހަމަޖެހިފައި ވަނީ މަޣްރިބު ނަމާދަށް ފަހުގައެވެ.