ޖޫން 9 ވަނަ ދުވަހު ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގެ މައިގަނޑު އެއް މަގުސަދަކީ އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލާތަކަށްފަހު ގައުމު ކޮޅަށްޖެހުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ސްރީލަންކާ ސަރުކާރުގެ މައްޗަށް އިންޑިއާގެ އިތުބާރު އެބައޮތްކަން އަންގަވާދެއްވުމުގެ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ކުރައްވާ ދަތުރުފުޅެއް ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޯކްލޭ ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރުކަމުގެ 2 ވަނަ ދައުރުގެ ހުވާ ކުރެއްވުމަށްފަހު ދެކުނު އޭޝިއާގެ 2 ގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ގޯކްލޭ ވިދާޅުވީ، ލަންކާ ދަތުރުފުޅުގެ އަނެއް މަގުސަދަކީ އިންޑިއާ އޮތީ ސްރީލަންކާގެ ރައްޔިތުންނާ ސަރުކާރާ އެކުގައިކަން ބަޔާންކޮށްދެއްވުން ކަމަށެވެ.

މީގެ އިތުރުން ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ދައުރުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިގެންދާނެ ގޮތްތަކާ ބެހޭ ގޮތުންވެސް ސްރީލަންކާގެ އޮފިޝަލުންނާ މޯދީ މަޝްވަރާކުރައްވާ، އިޝާރާތްތަކެއް ކުރައްވާނެ ކަމަށްވެސް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ ވިދާޅުވެފައެވެ.

މޯދީ ސްރީލަންކާ ދަތުރުފުޅުވެގެންދާނީ، 250 މީހުންގެ ފުރާނަ ގެއްލިދިޔަ އޭޕްރިލް 21 ވަނަ ދުވަހުގެ ޓެރަރިސްޓް ހަމަލާތަކަށްފަހު ގައުމެއްގެ ލީޑަރަކު ސްރީލަންކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ.