ގަވައިދާ ހިލާފަށް އޮސްޓްރޭލިއާއަށް އެތެރެކުރަން އުޅުނު 1.6 ޓަނުގެ މެތީލްއެމްފެޓަމީން ޑްރަގް ނުވަތަ "އައިސް" ޑްރަގް އަތުލައިގެންފިއެވެ.

އޮސްޓްރޭލިއާ ފުލުހުން ބުނީ ސްޓީރިއޯ ސްޕީކަރުތަކެއްގައި ވެކިއުމްކޮށް ޕެކްކޮށްގެން އޮސްޓްރޭލިއާއަށް މިތަކެތި އެތެރެކުރަން މަސައްކަތްކުރީ ތައިލޭންޑް މަގުންކަމަށެވެ.

މިއީ އޮސްޓްރޭލިއާއަށް އެތެރެކުރަން އުޅުމުގެ ތެރޭގައި އެގައުމުގެ ތާރީހުގައިވެސް ކަމާ ބެހޭ ފަރާތްތަކުން އަތުލައިގަތް އެންމެ ބޮޑު މެތް ނުވަތަ އައިސް ޑްރަގް ޝިޕްމަންޓެވެ.

އޮސްޓްރޭލިއަން ބޯޑާ ފޯސް (އޭބީއެފް)އިން ބުނީ ބެންކޮކް މަގުން މެލްބަންއަށް އެތެރެކުރަން މަސައްކަތްކުރި މަސްތުވާތަކެތީގެ ތެރޭގައި 37 ކިލޯގްރާމްގެ ހެރޮއިންވެސް ހިމެނޭ ކަމަށެވެ.

އަތުލައިގަތް މަސްތުވާތަކެއްޗަކީ ގާތްގަނޑަކަށް 16 މިލިއަން ޑްރަގްޑީލްގައި ބޭނުންކުރާނެހާ "ސާމާނު" ކަމަށާ، މިތަކެތީގެ އަގު، ގާތްގަނޑަކަށް 837 މިލިއަން ޑޮލަރަށް އަރާނެ ކަމަށްވެސް އޮސްޓްރޭލިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

މި ހާދިސާއާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، އޮސްޓްރޭލިއާގެ ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

މިދިޔަ އޭޕްރިލް މަހުވެސް އޮސްޓްރޭލިއާގެ ފުލުހުންވަނީ، ފުރިޖުތަކެއްގައި ފޮރުވައިގެން އެގައުމަށް އެތެރެކުރަން އުޅުނު ބައި ޓަނު މެތް ޑްރަގް އަތުލައިގެންފައެވެ. އެފަހަރުގެ ޝިޕްމަންޓް އައީ ސިންގަޕޫރުންކަމަށްވެސް އޮސްޓްރޭލިއާއިން ވަނީ ބުނެފައެވެ.

މަސްތުވާތަކެތީގެ ސީރިއަސް "ބަލިމަޑުކަމެއް" އެގައުމުގައި ފެތުރެމުންދާކަމަށާ، ކަމުގައި އުޅޭ ފަރާތްތަކަށް ކޭޓާ ނުކުރެވޭ ވަރުގެ ބޮޑު ޑިމާންޑެއް މަސްތުވާތަކެއްޗަށް އޮންނަކަމުގެ އިންޒާރު، އޮސްޓްރޭލިއާގެ އޮފިޝަލުން ވަނީ ދެއްވާފައެވެ.