ޖުމްހޫރީ ޕާޓީ ހިނގާ ގޮތާ މެދު ހިތްހަމަ ޖެހިވަޑައި ނުގަންނަވާނަމަ އެހެން ޕާޓީއަކާ ގުޅުމުގެ ފުރުސަތު އޮތް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވިދާޅުވިތާ އެއް ދުވަސް ނުވަނީސް ޕާޓީ ހިންގާ ގޮތް ކަމުނުދާނަމަ ހިންގަން ހުރި ވެރިމީހާ ބޭރު ކުރުމަކީ އާންމު މެންބަރުންގެ ކަމެއް ކަމަށް ލީޑަރު ޤާސިމް އިބްރާހިމް ވިދާޅު ވެއްޖެއެވެ.

ޖޭޕީ ކައުންސިލް ގްރޫޕަށް ގާސިމް ފޮނުއްވި މެސެޖެއްގައި ވިދާޅުވަނީ "ޕާޓީ ހިންގާ ގޮތް ކަމު ނުދާނަމަ، މެންބަރުންގެ ކަމެއް ވެރިޔަކަށް ހުންނަ މީހާ ބޭރު ކޮށްލުން، އެހެން އާ މީހަކު ވެރިކަމަށް ހަމަޖެއްސުން" އެވެ.

މި މެސެޖާ ގުޅޭ ގޮތުން އެޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހު ވިދާޅުވީ ޤާސިމް ވިދާޅުވި ވާހަކަފުޅަކީ، ރޯދަ ނިންމާ ޕާޓީ ހަރުދަނާ ކުރެއްވުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވެފައިވާ ވިދާޅުވުމުގެ ދަށުން، ޕާޓީގެ ލީޑާޝިޕްވެސް ބަދަލު ކުރަން ޖެހޭނަމަ އެކަން ކުރުމުގެ ފުރުޝަތު އޮތް ވާހަކަ ކަމަށެވެ. އަދި އެއީ ޕާޓީގެ ތެރޭގައި އެއްވެސް މައްސަލައެއް ޖެހި ނުވަތަ ނުތަނަވަސްކަމެއް އޮވެގެން ވިދާޅުވި ވާހަކަފުޅެއް ނޫން ކަމަށެވެ.

އެ ގްރޫޕަށް ފޮނުއްވި ދެވަނަ މެސެޖެއްގައި ގާސިމް ވިދާޅުވެފައި ވަނީ އެއްވެސް މީހަކު ޕާޓީ ދޫކޮށް ދާން ނުޖެހޭ ކަމަށާ، އަމިއްލައަށް މަންފާ ލިބިގަތުމުގެ ބަދަލުގައި ސަލާން ޖަހަން އުޅުނު އިރު ގެންގުޅުނު ނާށިގަނޑު މަތިން ހަނދާން ކުރަން ޖެހޭ ކަމަށެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖޭޕީގެ ޓިކެޓްތައް ބަހާލި ގޮތުގެ ސަބަބުން ޕާޓީގެ ތެރޭގައި ނުތަނަވަސްކަން ބޮޑުވެގެން ދިޔައެވެ. އެ ނުތަނަވަސް ކަމަށް ފަހު މިއަދާ ހަމައަށްވެސް ޖޭޕީގެ އަޑެއް ސިޔާސީ މައިދާނުގައި އިވިފައި ނުވެއެވެ.

ޗީފް ސްޕޯކްސް ޕާސަން ވިދާޅުވީ، ޖޭޕީގައި އެ ނުތަނަވަސްކަން އުފެދުނު ނަމަވެސް މިހާރު މިސްރާބު ހިފާފައި ހުރީ ޕާޓީ ހަރުދަނާ ކުރުމާ ދިމާއަށް ކަމަށާ ރޯދައަށް ފަހު މަސައްކަތްތައް ތަރުތީބު ކުރައްވާނެ ކަމަށެވެ.