އިންޑިއާގެ ބޮޑު ވަޒީރު، ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގެން ސޮއި ކުރައްވާ ޕްރޮޖެކްޓްތައް އިދިކޮޅުން ބަލާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ، ރާއްޖެއާ އިންޑިއާ އާ އޮންނަ ގާތް ގުޅުމަށް އިހްތިރާމް ކުރައްވާ ކަމަށާއި، އިންޑިއާގެ ބޮޑު ވަޒީރު ރާއްޖެ ވަޑައިގަތުމަކީ އޭނާއަށް ލިބިވަޑައިގަންނަވާ ޝަރަފެއް ކަމަށެވެ. ނަމަވެސް، މޯދީ ރާއްޖެ ވަޑައިގެން ދެ ސަރުކާރުން ސޮއި ކުރާ ޕްރޮޖެކްޓްތައް އިދިކޮޅުން ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އައީ ގިނަ ވައުދުތަކެއް ވުމަށް ފަހުގައި ކަމަށެވެ. އޭގެ ތެރޭގައި، އިސްލާމް ދީން ހިމާޔަތް ކުރުމާއި، ރާއްޖޭގެ މިނިވަން ކަމާއި ގުޅޭ ގިނަ ވައުދުތަކެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، މި ވައުދުތައް ފުއްދުމުގައި ސަރުކާރު ދެމި ތިބޭނެކަމަށް ގަބޫލު ކުރައްވާ ކަމަށާ ސަރުކާރަށް އިތުބާރު ކުރައްވާ ކަމަށް އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން ވެސް، ސަރުކާރަށް އިތުބާރު ކުރާކަމަށް ވިދާޅުވަމުންނެވެ. އެގޮތުން، ކޯލިޝަން ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 70 ގޮނޑި ލިބިފައިވާ ކަން އާދަމް ޝަރީފް ފާހަގަ ކުރެއްވިއެވެ.

އިންޑިއާއާ ގުޅުންހުރި ވާހަކަތަކުގެ އަޑު ގަދަވަމުން އަންނަ މި ދަނޑިވަޅަކީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެކެވެ. މޯދީގެ ދަތުރުފުޅު އޮތީ އަންނަ ހޮނިހުރު ދުވަހުއެވެ.

ސޯޝަލްމީޑިއާގައި އިދިކޮޅަށް ނިސްބަތްވާ ގިނަ ފަރާތްތަކުން ދަނީ މޯދީގެ ދަތުރުފުޅުގެ އެންމެ ބޮޑު އަމާޒަކީ އަސްކަރިއްޔާއާއި ގުޅުން ހުރި އެއްބަސްވުންތަކެއްގައި ކުރެއްވުން ކަމަށް ތުހުމަތު ކުރަމުންނެވެ. އެގޮތުން، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި އާދަމް ޝަރީފް ވެސް ދަނީ، އިންޑިއާ ސިފައިން ރާއްޖެ ތިބުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.