ބޮއިންގް ކުންފުނިން އުފެއްދި ބައެއް މަތިންދާ ބޯޓުތަކުގެ ފިޔަގަނޑުތަކުގައި، މަސައްލަ ހުރި ބައެއް ބައިތައް (ފޯލްޓީޕާޓްސް) ބޭނުންކޮށްފައި ހުރެދާނެކަމުގެ އިންޒާރު ބޮއިންގް ކުންފުނިން ދީފިއެވެ.

ފާއިތުވީ އަހަރެއްހާ ދުވަހަށް ބަލާއިރު ވައިގެ އުދުހުންތަކުގެ ނުރައްކާތެރި 2 ހާދިސާއެއްގައި އެ ކުންފުނީގެ ބޯޓުތަކެއް ވެއްޓިފައިވާ ބޮއިންގް ކުންފުނިން ބުނީ 737 މަރުކާގެ ބޯޓުތަކުގެ ފިޔަގަނޑުތަކުގައި މައްސަލަ ޖެހިފައިވާ ބައެއް ސާމާނު ބޭނުންކޮށްފައި ހުރެދާނެ ކަމަށާ، 737 މެކްސް މޮޑެލްގެ ބޯޓުތަކުގައިވެސް މިކަން މިގޮތަށް އޮތުމުގެ ފުރުސަތު އެބައޮތްކަމަށެވެ.

މެކްސް މޮޑެލްގެ އިތުރުން މައްސަލަ އުޅޭ ކަމަށް ދެން ބެލެވެނީ އެންޖީ ސީރީޒްގެ މަތިންދާބޯޓުތަކުގައެވެ. މި ސީރީޒްގައި ހިމެނީ ބޮއިންގް 737-600، 700، 800 އަދި 900 މޮޑެލްގެ ބޯޓުތަކެވެ.

ބޮއިންގް ކުންފުނިން ވަނީ މިމޮޑެލްތަކުގެ ބޯޓުތައް އޮޕަރޭޓްކުރާ އެއާލައިންތަކުން ބޯޓުތައް ރަނގަޅަށް ބަލާ ފާސްކުރުމަށް ގޮވާލާފައެވެ.

ބޮއިންގް ކުންފުނިން ބުނީ މައްސަލަ ޖެހިފައިވާ ބައެއް ބައިތަކަކީ އެ ބައިތައް އުފައްދަންޖެހޭ ފެންވަރަށް އުފައްދާފައި ނުވާ ބައިތަކެއް ކަމަށާ، އެ ފަދަ ބައިތައް ރީޕްލޭސްވެސް ކުރަންޖެހިދާނެކަމަށެވެ. މިފަދަ މައްސަލައެއް ޖެހިފައިވޭތޯ ބަލާ، އެފަދަ ބައިތައް ބަދަލުކޮށް، މައްސަލަ ހައްލުކުރުމުގެ ކުރިން ވައިގެ އުދުހުންތަކުގައި އެ ބޯޓެއް ބޭނުން ނުކުރުމަށްވެސް ބޮއިންގް ކުންފުނިންވަނީ އެއާލައިންތަކަށް ގޮވާލާފައެވެ.

މައްސަލަޖެހިފައިވާ ބައިތަކަކީ ފަސޭހައިން ރެނދުލާ ގޮތްވާ ބައިތަކެއް ކަމަށާ، މިފަދަ ކަމަކީ ވައިގެ ތެރޭގައި އުދެހެމުންދަނިކޮށްވެސް ހިނގާފާނެ ކަމެއް ކަމަށާ، މިކަމުގެ ނަތީޖާއެއްގެ ގޮތުން ބޯޓު ވެއްޓުންވެސް އެކަށީގެންވާކަމަށް އެމެރިކާގެ ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންއިންވަނީ ބުނެފައެވެ.

ބޮއިންގް ކުންފުނިން ވަނީ، މައްސަލަޖެހިފައިވާކަމަށް ބެލެވޭ މޮޑެލްތަކުގެ ބޯޓުތައް އޮޕަރޭޓްކުރާ އެއާލައިންތަކުން 10 ދުވަހުގެ ތެރޭގައި ބަލާ ފާސްކުރުމުގެ މަސައްކަތްކުރިއަށް ގެންދިއުމަށާ، މަރާމާތު ކުރުމުގެ މަސައްކަތްކޮށް ނިންމާލުމަށް ގޮވާލާފައެވެ.

ބޮއިންގް ކުންފުނީގެ ބޯޓުތަކުން އިތުރު މައްސަލައެއް ފެންމަތިވެފައި މިވަނީ މެކްސް މޮޑެލްގެ މަތިންދާބޯޓުތަކަށް ދިމާވި މައްސަލަ ހައްލުކޮށް، ވައިގެ ތެރެއަށް އެ ބޯޓުތައް އުދުއްސާލުމަށްވެސް އެކުންފުނިން މަސައްކަތްތަކެއް ކުރަމުންދަނިކޮށެވެ.