ސްރީލަންކާގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ބޮމުގެ ހަމަލާތަކެއް ދީ، 200 އަށްވުރެ ގިނަ މީހުން މަރާ، އެއަށްވުރެ ގިނަ މީހުން ޒަހަމްކޮށްލި އޭޕްރިލް 21 ވަނަ ދުވަހުގެ ހާދިސާއަކީ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިންގެ އިންތިހާ ނުރައްކާ ސްރީލަންކާއަށް އެބައޮތްކަމަށް ފާޅުގައި ލިބުނު ފުރަތަމަ އިޝާރާތް ކަމަށް ގަބޫލުކުރާ މީހުންގެ އަދަދު މަދެކޭ ނުދެންނެވޭނެ އެވެ. ނަމަވެސް މިއާ ތަފާތު ފިކުރެއް ގެންގުޅޭ އެކަކީ މުޙައްމަދު ރައްޒާގު ތަސްލީމެވެ.
ހޮސްޕިޓަލެއްގައި އެނދުމަތިކުރެވިފައިވާ ތަސްލީމުގެ މޫނަށް ބަލާލުމުންވެސް އޭނާގެ ހަށިގަނޑުގައި އަޅަމުންދާ ވޭން އިހުސާސްކުރެވެއެވެ. ހަށިގަނޑުގެ ވާތް ފަޅި ވަނީ މުޅިން ވާގިނެތިފައެވެ. އެހާލުގައިވެސް ތަސްލީމު މަސައްކަތްކުރަމުންދިޔައީ އޭނާގެ އަނބިމީހާ، ފާތިމާގެ އަތުގައި ހިފާލައިގެން އޮތުމަށެވެ. އެދެމަފިރިންގެ ގާތުގައި ތަސްލީމުގެ ޅިޔަނުވެސް ހުރީ ހާސްކަމެއްގެ ތެރޭގައިކަން އެނގެއެވެ.
ފާތިމާ ދިޔައީ އަތުގައި އޮތް ރުމާކޮޅަކުން ތަސްލީމުގެ ބޮލުގައި ބޮނޑިތާން ކޮށްދެމުންނެވެ. ތަސްލީމުގެ ބޮލުގެ ނާށިގަނޑުގެ އެއްފަޅިވަނީ މުޅިންހެން އެތެރެއަށް ވަދެފައެވެ. އެއީ މިއަހަރުގެ މާޗްމަހުގެ ތެރޭގައި އޭނާގެ ބޮލަށް ބަޑީގެ ވަޒަން އަމާޒުވި ހިސާބެވެ. އެ ހަމަލާގެ ފަހުން ތަސްލީމުގެ ހާލަކީ މިއީއެވެ. ވާހަކައެއް ނުދެއްކެއެވެ. ހިނގާބިނގާވެއެއް ނުއުޅެވެއެވެ.
ސްރީލަންކާގެ ފުލުހުން ގަބޫލުކުރާ ގޮތުގައި ތަސްލީމްއަކީ، ސްރީލަންކާގައި އޮތް ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިންގެ ނެޓްވާކުގެ ފުރަތަމަ ޝިކާރައެވެ. އައިސިސްއާއި ގުޅި، އެތައް ސަތޭކަ ބައެއްގެ ފުރާނަ ދުއްވާލި ނެޓްވާކުގެ ފުރަތަމަ ހަމަލާގެ ޝިކާރައެވެ.
ސްރީލަންކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ތަސްލީމަށް ހަމަލާ ދީފައިވަނީ ސްރީލަންކާގައި ހަރަކާތްތެރިވި ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިންގެ ނެޓްވާކުގެ ލީޑަރު، އަދި އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލާތަކުގެ މޭސްތިރި ކަމުގައިވާ ޒަހްރާން ހާޝިމުގެ އޯޑަރަކަށެވެ.
އޭޕްރިލް ބޮމުގެ ހަމަލާތަކުގެ ކުޑަ ދުވަސްކޮޅެއް ކުރިއަށް ޖެހިލަމާތޯއެވެ. އުމުރުން 37 އަހަރުގެ ތަސްލީމަކީ ސްރީލަންކާގެ މެދުތެރޭގައި، މުސްލިމުންގެ މެޖޯރިޓީ އޮންނަ އަވަށެއްގެ އިސްސަފުގައި ހަރަކާތްތެރިވަމުންދިޔަ ސިޔާސީ ޝަހްސެކެވެ. އޭނާގެ ތަހުގީގުތައް އަމާޒުކުރަމުންދިޔައީ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިންގެ އަމަލުތައް ހުރި ނެތް ގޮތެއް ބެލުމަށެވެ.
މާވަނެއްލާއަކީ ވެރިރަށް ކޮޅުނބުން އެއްގަމު އުޅަނދެއްގައި މަދު ގަޑިއިރު ކޮޅެއްގެ ތެރޭގައި ދުއްވާފައި ދެވޭ ހިސާބުގައި އޮންނަ އަވަށެކެވެ. ސަރަހައްދުގައި ނުފޫޒު އޮންނަނީ ބުދިސްޓުންނާ މުސްލިމު އާބާދީތަކަށެވެ. ތަސްލީމު މަސައްކަތްކުރަމުންދަނީ މިއަވަށުގެ ކައުންސިލް މެމްބަރެއްގެ ގޮތުގައެވެ. މީގެ އިތުރުން ގައުމީ ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ކޯޑިނޭޓިންގް ސެކްރެޓަރީ ކަމުގެ މަގާމުވެސް އޭނާދިޔައީ އަދާކުރަމުންނެވެ.
މާވަނެއްލާ އަވަށް ވަށާލާފައިވަނީ ބޯގަސްތަކުންނެވެ. ފާތިމާ، ތަސްލީމުގެ ވާހަކަ ކިޔާދެމުންދިޔައިރުވެސް ފުރާޅު މައްޗަށް ކާށި ވެއްޓޭ އަޑުފައްގަނޑު އިރުއިރުކޮޅާ އިވެއެވެ.
ފާތިމާ ސިފަކުރާ ގޮތުގައި ތަސްލީމަކީ އެހެން އާބާދުތަކުގެ މީހުންނަށް އެހީވުމުގައިވެސް އެންމެ ކުރީގައި ހުންނަ މީހާއެވެ. ފެންބޮޑުވުމާ ބިންގަނޑުކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި އަނެކުންނަށް އެހީވުމުގައި އެންމެ ކުރީގައި ހުންނަ މީހާއެވެ.
"ތަސްމީލު އަބަދުވެސް ބުނަމުންދިޔައީ ހުރިހާ ދީނަކާ ނަސްލެއްގެ މީހުންނަކީވެސް އެއްބައެއްވަންތަކަމާއެކު ދިރިއުޅެވޭނެ ބައެއްކަމަށް"، ފާތިމާ، އޭނާގެ ފިރިމީހާގެ ސިޔާސީ އެޖެންޑާގެ ހަނދާން އާ ކުރަމުން ބުނެލިއެވެ.
މިދިޔަ އަހަރު ބުދިސްޓުންގެ ދީނީ އަޅުކަމާ ގުޅިފައިވާ ތަންތަނަށް އަމާޒުކޮށް ދިން ހަމަލާތަކާ ގުޅިގެން، ހާލުގައި ޖެހުނު މީހުންނަށް އެހީވާން ނިކުތް މީހުންގެ ކުރީ ސަފުގައި ހުރީ ތަސްލީމެވެ.
"އެއީ ނުބައި އަމަލެއް ކަމުގައި ތަސްލީމު ދުށް. އިސްލާމް ދީނަކީ އެފަދަ އަމަލުތަކަށް މައާފުދޭ ދީނެއް ނޫންކަމުގައި ތަސްލީމު ގަބޫލުކުރޭ. އެކަމުގައި ޒިންމާވާ ފަރާތްތައް ހައްޔަރުކުރަން ތަސްލީމު ބޭނުންވި" ފާތިމާ އިތުރަށް ކިޔާދިނެވެ.
ނަމަވެސް އެހާދިސާގެ މޭސްތިރިންވަނީ އަތުނުވެ ފިލާފައެވެ. 2014 ވަނަ އަހަރު ސޫރިޔާއަށްވެސް ދަތުރުކޮށްފައިވާ މި 2 މީހުންނަކީ އޭޕްރިލް 21 ވަނަ ދުވަހުގެ ބޮމުގެ ހަމަލާތަކާގުޅިގެންވެސް އެންމެ ހޯދަން ބޭނުންވި މީހުންގެ ލިސްޓުގައި ހިމެނުނު 2 މީހުންނެވެ.
ސްރީލަންކާގައި ހަރަކާތްތެރިވާ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިންގެ އެތެރެކޯލުގެ މަޝްވަރާތަކުގެ މައުލޫމާތު އެނގޭ ފަރާތަކާ ހަވާލަދީ ބީބީސީގެ ކޮރަސްޕޯންޑަޓު ލިޔެފައިވާ ގޮތުގައި، އެ ހަނގުރާމަވެރިންގެ ފިކުރު ހުރީ ސްރީލަންކާގައި އިސްލާމް ދީން ނޫން ދީނަކަށް ފުރުސަތު ނުދިނުމަށެވެ. ޣައިރު މުސްލިމުން ޖިޒީއެއް ދައްކައިގެން ނޫނީ ސްރީލަންކާގައި ދިރިނުއުޅެވޭނެ ގޮތް ހެދުމެވެ.
މިދިޔަ އަހަރު ބުދިސްޓުންނަށް ދިން ހަމަލާތަކަށްފަހު ފިލި ހަނގުރާމަވެރިން ހޯދުމަށް އެންމެ ގަދައަޅާ މަސައްކަތްކުރި އެކަކީ ތަސްލީމެވެ. ހަނގުރާމަވެރިން ފިލާ ތިބި ކަމަށް ބެލެވުނު ޖަންގަލި އަތްފުނާއެޅުމަށް ފުލުހުންނާއެކުގައި ދިޔައީވެސް ޚުދު ތަސްލީމެވެ. 100 ކިލޯގްރާމްގެ ގޮވާތަކެތި، ޖަންގަލި ތެރޭގައި ފޮރުވާފައިވާ ސަރަހައްދަށް ދިޔައީވެސް ތަސްލީމެވެ.
"ގެޔައަށް އައިއިރު ތަސްލީމު ހުރީ ވަރަށް ކަންބޮޑުވެފައި. އޭނާ ބުނަމުންދިޔައީ އަދިވެސް އިތުރު ގޮވާތަކެތި ފޮރުވާފައި ހުރެދާނޭ" އެ ދުވަހުގެ ހަނދާންތައް ހިއްސާކުރަމުން ފާތިމާ ކިޔައިދިނެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ޖަންގަލިތެރެއިން ތަސްލީމުމެން ހޯދި ހަތިޔާރުތަކަކީ، އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލާއާއި ގުޅުންހުރި މީހުންނާ ގުޅުންހުރި ތަކެތިކަން ވަނީ ކަށަވަރުކުރެވިފައެވެ. އެ މީހުންގެ ތެރޭގައި ޒަހްރާން ހާޝިމުވެސް ހިމެނެއެވެ.
ޒަހްރާމް ހާޝިމްގެ ވާހަކަތައް ޕްރެސްގެ އިތުރު ލިޔުމެއްގައި ހިމަނާފައިވާނެއެވެ.
ޒަހްރާން ހާޝިމުގެ ރޭވުންތައް އަމަލީ ގޮތުން ތަންފީޒު ކުރުމަށް އޮތް ހުރަހަކީ ތަސްލީމުކަމުގައި ޒަހްރާންއަށް ސިފަވާން ފެށިއެވެ. އޭނާގެ ރާޑަރަށް ތަސްލީމު އެރީއެވެ. ތަސްލީމު މަރާލުމަށް ޒަހްރާން ހާޝިމު އޯޑަރު ދިން ކަމަށް އޭނާއަށް އެއްބާރުލުން ދިން ހަނގުރާމަވެރިއަކު ވަނީ އިއުތިރާފުވެފައެވެ.
އޭޕްރިލް 21 ގެ ހަމަލާތަކުގެ 1 މަސްދުވަސް ކުރިއެވެ. ތަސްލީމު އޮތީ އޭނާގެ ގޭގައެވެ. އަނބިމީހާއާއި ހަގު ފިރިހެންދަރިފުޅާއެކު ނިދާފައެވެ. ހަތިޔާރު އަޅައިގެން ހުރި މީހާ އެ ގޭތެރެއަށް ވަދެ، ބަޑިޖެހީ ސީދާ ތަސްލީމުގެ ބޮލަށެވެ.
"އަހަރެން ފުރަތަމަ ހީކުރީ ފޯނުގެ ޗާޖަރު ގޮވީކަމަށް. އެކަމަކު އެ އޮތީ ރަނގަށް. ދެން އަހަރެން ބެލީ ތަސްލީމު ހޭލެއްވޭތޯ. އޭރުވެސް އަހަރެންނަށް ބަޑިބޭހުގެ ވަސްގަނޑު ދުވަމުންދިޔަ. ތަސްލީމު ގާތަށް ޖެހިލެވުނުއިރު އިނގުނު އޭނާގެ ހޭ ނެތްކަން. އަހަރެންނަށް ހީވީ އޭނާ އެ މަރުވިއްޔޭ" އެ ނާމާން ދުވަހުގެ ވާހަކަ ފާތިމާ ހިއްސާކުރިއެވެ.
ތަސްލީމު ވަގުތުން ހޮސްޕިޓަލަށް ގެންދެވުނެވެ. ފުރާނަ ސަލާމަތްކުރެވުނު ނަމަވެސް އޭނާ މުޅިން ރަނގަޅުވާނެ ކަމެއް އަދި ބުނާކަށް ނޭނގެއެވެ.
އަމިއްލައަށް ވާހަކަދައްކާ ހެލިފެލިވެ ނުއުޅެވުނު ނަމަވެސް އެހެން މީހުން ކިއާއެއްޗެއް އޭނާއަށް ރަނގަޅަށް ފަހުމްވާކަމަށް އާއިލާއިން ބުނެއެވެ. އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލާތަކުގެ ވާހަކަ ތަސްލީމު ގާތު ބުނުމާއެކު ކަރުދާހެއްގައި އެއްޗިހިތަކެއް ލިޔެ ހެދުމަށްފަހު ރޯންފެށިކަމަށް ފާތިމާ ބުނެއެވެ. އަދި އެފަދަ ކަމެއް ވެދާނޭ ތިމަންނާ ކުރިންވެސް ބުނީމު ނޫންހޭ ތަސްލީމު ބުނިކަމަށް ފާތިމާ ކިޔައިދިނެވެ.
ފާތިމާ އިނީ އޭނާގެ ފިރިމީހާގެ ގުރުބާނީއަށްޓަކައި ފަޚްރުވެރިވާ ހާލުގައެވެ. ފާތިމާމެންނަށް ބޭނުންވާ ހުރިހާ އެއްޗެއް ހޯދާދެވިއްޖެ ކަމަށް ތަސްލީމު ބުނާ ކަމަށާ، އޭނާ މިހާރު ބޭނުންވަނީ އާޚިރު ދުވަހު ޖަންނަތުން އެ ދެމަފިރިން ބައްދަލުވުމަށްކަމަށް ފާތިމާ ކިއާދިނެވެ.