ވޯޓަށް ނާހައި އަލުން ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވާލި ގާނޫނީ ފަންނުގެ ބިލު އަންނަ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ "ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ބިލު" ގެ ފުރަތަމަ ކިޔުން އިއްވުން އަންނަ ހޯމަ ދުވަހަށް އެޖެންޑާ ކޮށްފައިވާ އިރު، މި ބިލަކީ ގާނޫނީ ވަކީލުންނަށް ވަކީލު ކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާއި ގުޅޭ ކަންތައް ބަލަހައްޓަން އުފައްދާ ބާ ކައުންސިލް އުފެއްދުމަށް ބާރުދޭ ބިލެކެވެ.
މި ބިލު ބައެއް ބަދަލުތަކާއެކު މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ވޯޓަށް އަހަން މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ތާވަލު ކުރިއެވެ. ނަމަވެސް އެ ބިލަށް އަދިވެސް އިސްލާހުތަކެއް ގެންނަަށް ހުރިކަން ފާހަގަކޮށް ބިލް އަނބުރާ ކޮމިޓީއަށް ފޮނުވާލާފައި ވަނީ 35 މެންބަރުންގެ ވޯޓާ އެކުގައެވެ. މި ބިލު އަލުން ދިރާސާ ކުރަން ނުފެންނަ ކަމަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.
އަލުން މި ބިލު އެޖެންޑާ ކުރުމާއި ގުޅިގެން ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމާ އުފާ ކުރައްވާ ކަމަށެވެ. އަދި 18 ވަނަ މަޖިލީހުން ބިލު ފާސްނުކޮށް ހިފެހެއްޓި ނަމަވެސް، އާ މަޖިލީހުން ބިލް ފާސްކުރާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ރިއްފަތު ވިދާޅުވިއެވެ.
"މި ބިލުގެ ދަށުން އުފެދޭ ލެޖިސްލޭޓިވް ފުރޭމްވޯކުގެ ސަބަބުން ރާއްޖޭގެ ގާނޫނީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ. މި ބިލުގެ ސަބަބުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ތާރީހުގައި ބާ ކައުންސިލެއް އުފެދިގެންދާނެ." ރިއްފަތު ވިދާޅުވިއެވެ.
ގާނޫނީ ފަންނުގެ ބިލަށް އަމަލުކުރަން ފަށާނީ އެ ބިލު ތަސްދީގު ކުރެވި ގާނޫނަކަށް ބަދަލުވާ ދުވަހުން ފެށިގެންނެވެ. އަދި ބާ ކައުންސިލްގެ ބިލު ގާނޫނަކަށް ބަދަލުވެ އަމަލު ކުރަން ފެށުމާއެކު ދިވެހި ރާއްޖޭގެ ބާ ކައުންސިލް އުފެދި އެ ކައުންސިލަކީ ގާނޫނީ ގޮތުން އަމިއްލަ މިނިވަން މުސްތަގިއްލު މުއައްސަސާއަކަށް ވެގެންދާނެއެވެ.
ބާ ކައުންސިލް އެކުލަވާލަން ނިންމާފައިވަނީ އިންތިހާބު ކުރާ ހިންގާ ކޮމިޓީއަކާއި އެ ހިންގާ ކޮމިޓީން އެކުލަވާލައި ސަބް ކޮމިޓީތަކެއްގެ މައްޗަށެވެ. ހިންގާ ކޮމިޓީ އެކުލެވެނީ ހަތް މެންބަރުންގެ މައްޗަށެވެ. އެހުރިހާ ފަރާތްތަކަކީވެސް ވަކީލުންނަށް ވާންޖެހެއެވެ. ހިންގާ ކޮމިޓީއަށް މެންބަރުން އައްޔަން ކުރަނީ ވަކީލުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.
ބާ ކައުންސިލަށް އިންތިހާބު ކުރެވޭ އެއްވެސް މެންބަރަކަށް އަދި ބާ ކައުންސިލުގެ ރައީސަކަށް ނުވަތަ ނައިބު ރައީސަކަށްވެސް އެއްވެސް މުސާރައެއް ނުވަތަ އިނާޔަތެއް ނުލިބޭނެއެވެ. ބާ ކައުންސިލަށް ގާނޫނުން ހަވާލުކޮށްފައިވާ ޒިންމާ ތަކުގެ ތެރޭގައި ގާނޫނީ ވަކީލުންނަށް ހުއްދަ ދިނުމާއި ހުއްދަ ބާތިލް ކުރަން ޖެހޭ ހާލަތްތަކުގައި ހުއްދަ ބާތިލް ކުރުމާއި ގާނޫނީ ވަކީލުން، ގާނޫނާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު އެޅުންވެސް ހިމެނެއެވެ. މިކަންކަން ކުރަމުން އަންނަނީ މިހާރު ސުޕްރީމް ކޯޓުންނެވެ.
ގަނޫނީ ފަންނުގެ ބިލުގައި ގަނޫނީ ވަކީލުން އަމަލު ކުރަން ޖެހޭ ގޮތާއި އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ. އަދި ގާނޫނާ ހިލާފަށް އަމަލުކުރާ ވަކީލުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތްތަށްވެސް އަލުން ދިރާސާކުރަން ފޮނުވި ބިލުގައި ވެއެވެ. މީގެ އިތުރުން ވަކީލުންގެ ހުއްދަ ހިފެހެއްޓުމުގެ ބާރު ބާ ކައުންސިލަށް ދިނުމަށް ވެސް މި ބިލުގައި ވެއެވެ.
ކައުންސިލްގެ ފުރަތަމަ އިންތިހާބު ބޭއްވުން އެ ބިލުން މަތިކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ މައްޗަށެވެ. ބިލުގައި ބުނެފައިވަނީ ގާނޫނު ތަސްދީގުކުރާތާ 21 ދުވަހުގެ ތެރޭގައި ބާ ކައުންސިލްގެ އިންތިހާބު ބާއްވަން ޖެހޭނެ ކަމަށެވެ. މީގެ ކުރިން ގާނޫނީ ވަކީލުންގެ ކަންތައް ބަލަމުން އައީ ސުޕްރީމް ކޯޓުގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ.