އިތުރު ތައާރަފަކަށް ބޭނުން ނުވާ ޖެކީ ޗޭންއަކީ އާދަޔާ ހިލާފު މީހެއް ކަމަށާ، އޭނާއާއި ބައްދަލުވުމުންވެސް ކުރެވުނީ އާދަޔާ ހިލާފު އިހުސާސްތަކެއް ކަމަށް އޭނާގެ އެންމެ ފަހުގެ ފިލްމް "ކާބިލް" ޕްރޮމޯޓްކުރުމަށް ޗައިނާގައި ހަރަކާތްތެރިވަމުންދާ ބޮލީވުޑް ބަތޮލް ރިތިކް ރޯޝަން ބުނެފިއެވެ.

ޗައިނާގެ އޯޑިއަންސްއަށް ހާއްސަކޮށްގެން އެ ގައުމުގެ އެކި ސިނަމާތަކުގައި ފިލްމް "ކާބިލް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ. މި ފިލްމްގެ ޕްރޮމޯޝަން މަސައްކަތުގެ ތެރެއިން ޖެކީ ޗޭންއާއި ދިމާވި ރިތިކް ރޯޝަން ވަނީ އެ މަންޒަރުތައް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްގައިވެސް ހިއްސާކޮށް، ޖެކީ ޗޭންއަށް ތައުރީފުކޮށްފައެވެ.

ބޮލީވުޑް ފިލްމްތަކަށް ޗައިނާގައި އޮންނަ ޑިމާންޑް އިތުރުވަމުން އަންނައިރު ރިތިކް ރޯޝަންއަކީ ޗައިނާގެ ޒުވާނުންގެ މެދުގައި ވަކިން ބޮޑަށް މަގުބޫލު ތަރިއެކެވެ. ޗައިނާގެ ޒުވާނުން ވަނީ ރިތިކްއަށް ވަނަމެއްވެސް ދީފައެވެ. ޗައިނާގެ ޒުވާނުން ރިތިކްއަށް ކިއަނީ ޑާ ޝުއާއީއެވެ. އޭގެ މާނައަކީ އެންމެ "ހޭންޑްސަމް" ނުވަތަ އެންމެ ރީތި (ފިރިހެން) މީހާއެވެ.

އިންޑިއާގެ ސިނަމާތަކުގައި 'ކާބިލް" އަޅުވާފައިވާއިރު، މި ފިލްމުގައި ރިތިކް އަދާކުރި ރޯލަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.

ރިތިކްގެ އެކްޓިންގް ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލްމް "ސުޕާ30"އިންނެވެ.