މިންގަނޑަށް ނުފެތޭ ސިނގިރޭޓު ދެން ރާއްޖެއަށް އެތެރެ ނުކުރެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗް.ޕީ.އޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިމަހުގެ ޖެނުއަރީ މަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައިވާ ސިނގިރޭޓު ބޯ ތަންތަނާ، ވިއްކާ ގޮތުގެ އިތުރުން ލޭބަލް ކޮށްފައި ހުންނަ ގޮތުގެ ގަވައިދުގައިވާ ކަންކަމަށް ނުފެތޭ ސިނގިރޭޓެއް މީގެ ފަހުން ރާއްޖެ އެތެރެނުކުރެވޭނެ ކަމަށެވެ.

އެގޮތުން ރާއްޖޭގައި އުފައްދާ، ބަންދުކުރާ ސިނގިރޭޓުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ދެކަމެއް ހިމެނެއެވެ. އެއީ ދުންފަތާއި ދުންފަތުގެ ބާވަތް ހިމެނޭ ބަންދުކުރާ ޕެކެޓު ނުވަތަ ފޮށީގައި އިންޒާރާއެކު ފޮޓޯ ހުންނަންވާނީ ސާފަސް އޭރިއާގެ 90 ޕަސެންޓަށް ވުރެ ކުޑަ ނުވުމާއި، އިންޒާރާއި ލިޔުން އޮންނަން ވާނީ މިނިސްޓްރީ އޮފް ހެލްތުން އާންމުކުރާ ނަމޫނާ އާ އެއްގޮތަށް ކަމަށް ވުމެވެ.

އަދި މިގަވައިދުގައި ވާގޮތުން ދުންފަތުގެ ބާވަތްތައް ބަންދު ކުރުމުގެ އެންމެ މަދު މިންވަރަކީ ސިނގިރޭޓު ނަމަ، 20 ސިނގިރޭޓު، ބިޑި ނަމަ 50 ބިޑި، އަދި ދުންފަތާ ދުންފަތް ހިމެނޭ އެހެން ބާވަތެއް ނަމަ މަދުވެގެން 30 ގުރާމެވެ. އަދި ރާއްޖޭގައިވެސް ގިނަ އަދަދަކަށް ދުފުމުގައި ހަފައިގެން ބޭނުން ކުރާ ދުންފަތް ނަމަ ވިއްކޭނީ މަދުވެގެން 30 ގުރާމެވެ.

އަދި މިއަދުން ފެށިގެން ދުންފަތާ ދުންފަތް ހިމެނޭ އެހެނިހެން ބާވަތްތައް މަދުން ވިއްކުމާ ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ އިންޒާރު ނުޖަހާ ސިނގިރޭޓު އަދި ދުންފަތް ހިމެނޭ އެހެނިހެން ބާވަތްތައް ވިއްކުމަކީ މަނާ ކަމެކެވެ.

އަދި މިއަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން މި ގަވައިދުގައި ވާގޮތަށް ފޮޓޯ އާ އިންޒާރު ސިނގިރޭޓު ނުވަތަ ދުންފަތް ހިމެނޭ އެހެނިހެން ބާވަތްއް ބަންދުކުރާ ފޮށީގެ ބޭރުގައި ޖަހުން ލާޒިމް ކުރާނެއެވެ.