"ކޮމެޑީ ސާކަސް" އާއި "ދަ ކަޕީލް ޝަރުމާ ޝޯ"އިން ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދި ކޮމީޑިއަން ސިދާތު ސާގަރު އަނެއްކާވެސް މީހުންގެ ރާޑަރަށް އަރައިފިއެވެ.

މިފަހަރުގެ ސިދާތުގެ ވާހަކަ ރާޑަރަށް އެރީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ތަރި ސުބުހީ ޖޯޝީ ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ.

2014 ވަނަ އަހަރުން ފެށިގެން ލޯބީގެ ގުޅުންތަކެއް ބާއްވަމުން އައި ސުބުހީއާއި ސިދާތުގެ ގުޅުމަށް ދޭތެރެ ދޭތެރެއިން ބުރޫއަރައެވެ. އެގޮތުން 2016 ވަނަ އަހަރުވެސް މި ދެތަރިންގެ ގުޅުން ކެނޑިގެންދިޔައިރު، އެކަން ހިނގީ ސިދާތުގެ މަންމަގެ ސަބަބުންކަމަށް އޭނާ ބުނެފައިވާކަމަށް ސުބުހީ ބުނެއެވެ. ނަމަވެސް އެކަމަކީ ސިދާތުގެ މަންމަގެ ބޮލުގައި އަޅުވައިގެން ނިންމާލެވެން އޮތް ކަމެއް ނޫންކަމަށާ، ހަގީގަތް އެނގުނީ މިދިޔަ އަހަރު ސިދާތުއާއި އެންގޭޖުވުމަށްފަހު އޭނާއާއިއެކު ދިރިއުޅެން ފެށުމުން ކަމަށްވެސް ސުބުހީ ވަނީ ބުނެފައެވެ.

ހުރިހާވެސް މައްސަލައަކީ ސިދާތުގެ އެޓިޓިއުޑް އާއި އަހުލާގުކަމަށް ސުބުހީ ދައުވާކުރެއެވެ. ސިދާތުގެ އަނދިރި ފަރާތް ފެނިއްޖެ ކަމަށާ، އޭނާއަކީ ކުދިކުދި ކަންކަމާވެސް އިންތިހާއަށް ރުޅިގަދަވާ މީހެއް ކަމަށް ސުބުހީ ވަނީ ކިއާދީފައެވެ. ނަމަވެސް އެދެމީހުންގެ ގުޅުން ސަލާމަތްކޮށް ދެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފައިވާނެކަމަށް ސުބުހީ ވަނީ ބުނެފައެވެ.

ސިދާތުގެ ވާހަކަ އިތުރަށް ކިއާދެމުން ސުބުހީ ބުނީ އަނގައިން އެއްޗިހި ކިއުމުގެ އިތުރުން އޭނާއަކީ އަތްވެސް އިސްކުރާ މީހެއް ކަމަށާ، ބައެއް ފަހަރު ފުލުހުންނަށްވެސް ރިޕޯޓްކުރަންޖެހުނުކަމަށެވެ. އަދި އޭނާގެ އަނިޔާތަކުގެ ސަބަބުން ހޮސްޕިޓަލުންވެސް ފަރުވާ ހޯދަންޖެހުނު ކަމަށް ސުބުހީ ބުނެއެވެ.

ސިދާތާއި އޮތް ގުޅުން ހެޔޮ ގޮތެއްގައި ނިންމާލަން ބޭނުންވި ކަމަށާ، ނަމަވެސް އެކަމުންވެސް ސިދާތު ފިލީ ކަމަށް ސުބުހީ ބުނެއެވެ. މިހާރު އެދެމީހުންގެ މެދުގައި އެއްވެސް ގުޅުމެއް ނެތްވާ، ވާހަކަވެސް ނުދައްކާތާ ދެމަހެއްހާ ދުވަސްވެދާނެ ކަމަށް ސުބުހީ ބުނެއެވެ.

ސިދާތުގެ ވާހަކަ ތަފާތެވެ. ސިދާތު ބުނާ ގޮތުގައި ދެމީހުންގެ ގުޅުން ނިމުމަކަށް ގެންނަންޖެހުނީ އެ ދެމީހުންނަކީ އެކަކު އަނެކަކަށް "ފުދޭ" މީހުން ކަމަށް ނުވާތީއެވެ. ސުބުހީގެ ދައުވާތަކަށް ރައްދު ދެމުން ސިދާތު ބުނީ އޭނާއަކީ ދިރިއުޅުމުގައި ތަކުލީފުތަކެއް އުފުލި މީހެއް ކަމަށާ، ހަޔާތުގެ ބައިވެރިއަކާ އެކު އޮންނަ ގުޅުމެއްގައި އިތުރު އަޑުގުޑަންތަކެއް އުފުލުމުގެ ގާބިލުކަމެއް އޭނާގެ ހުރިކަމާމެދު ޝައްކުވާކަމަށެވެ. އަދި ސުބުހީއާއި އޮތް ގުޅުން ނިންމާލުމަށް އެދުނީ ޚުދު ސިދާތުތަކަމަށްވެސް އޭނާ ދަނީ ބުނަމުންނެވެ.