ސްރީލަންކާގެ އެކި ހިސާބުތަކަށް އަމާޒުކޮށް އޭޕްރިލް 21 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅޭ ޖާސޫސީ މައުލޫމާތު، އެ ހަމަލާތަކުގެ ކުރިންވެސް ރައީސްއަށް ލިބިވަޑައިގެންފައިވާކަމަށް ދެކެވެމުންދާ ވާހަކަތަކަށް، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސެނާ އިންކާރުކުރައްވައިފިއެވެ.

ކޮލޮމްބޯ ޕޭޖުގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލީސްއާއި އެހެންވެސް އިސް ފުލުސް އޮފިސަރުންތަކަކާއެކު ކޮންމެ މަހަކުވެސް ބައްދަލުވުންތަކެއް ކުރިއަށް ގެންދެވުމަށް ސިރިސޭނާ ފައްޓަވާފައިވާކަމަށް، ރައީސްގެ މީޑިއާގެ ޔުނިޓުން އޭޕްރިލް 8 ވަނަ ދުވަހު ބަޔާނެއް އާންމުކޮށްފައިވާކަމަށެވެ.

ކަންމިހެން އޮތް ނަމަވެސް ދެގަޑިއިރެއްހާއިރަށް ދެމިގެންދިޔަ މަޝްވަރާތަކުގައި، އެއްވެސް ނުރައްކަލެއްގެ އިންޒާރެއް ރައީސްއާއި ހިއްސާކުރެވިގެން ގޮސްފައި ނުވާކަމަށްވެއެވެ.

މިޔަބާނުގައި އިތުރަށް ބުނެފައިވަނީ އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލާތަކާ ދިމާކޮށް އެކުވެރި ގައުމަކުން ދިން އިންޒާރުގެ މައުލޫމާތާ ބެހޭ އެއްވެސް ވާހަކައެއް، އެ ހަމަލާތަކުގެ ކުރިން ސިރިސޭނާއާއި ހިއްސާކުރެވިފަ ނުވާކަމަށެވެ.

ކަންމިހެންއޮތްއިރު، އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލާތައް ތަހުގީގު ކުރުމަށް ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުން އެކުލަވާލި ކޮމިޓީގެ ފުރަތަމަ ބައްދަލުވުންވެސް މިހާރު ވަނީ ބާއްވާފައެވެ. މި ބައްދަލުވުމަށް އެންމެ ފުރަތަމަ ބަޔާން ދެއްވި ބޭފުޅުންގެ ތެރޭގައި ދިފާއީ ވަޒީރު ޖެނެރަލް ޝަންތާ ކޮއްޓެގޮޑާ އާއި ޗީފް އޮފް އިންޓެލިޖެންސް ސާވިސް ސިސީރާ މެންޑިސްވެސް ހިމެނިވަޑައިގަންނަވައެވެ.

250އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިދިޔަ ޓެރަރިސްޓް ހަމަލާތަކުގެ އިންޒާރު، އިންޑިއާއިން ސްރީލަންކާއަށް ދިން ކަމަށާ، ނަމަވެސް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅި، ފެއިލްވެގެންދިޔައީ ސަރުކާރުގެ ތެރޭގައި ޖެހިފައިވާ މައްސަލަތަކެއްގެ ސަބަބުން ކަމަށް، ޚުދު ސްރީލަންކާގެ ސަރުކާރުގެ ލީޑާޝިޕުންވަނީ އިއުތިރާފުވެފައެވެ.