1999 ވަނަ އަހަރުގެ ހިޓް ފިލްމް "ހިންދުސްތާން ކީ ކަސަމް"ގެ ބާނީ އަދި ކުޅަދާނަ ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަންގެ ބައްޕަ، ވީރު ދޭވްގަންގެ ޖަނާޒާ ބާއްވައިފިއެވެ.

ހޯމަ ދުވަހު މި ދުނިޔެއަށް އެންމެ ފަހުގެ ނޭވާ ދޫކޮށްލި ވީރު ދޭވްގަންގެ ޖަނާޒާ ބާއްވާފައިވަނީ އިއްޔެ އިރުއޮއްސި 6 ޖެހިއިރު، ވިލޭ ޕާލޭ ވެސްޓް ކްރެމަޓޯރިއަމްގައިކަމަށް މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރުތައް ބުނެއެވެ.

ނޭވާ ހާސްވާކަމުގެ ޝަކުވާ ކުރަން ފެށުމާއެކު ވީރު ދޭވްގަން ހޮސްޕިޓަލަށް ގެންގޮސް، އެޑްމިޓްކުރެވުނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާ މަރުވީ ކާޑިއެކް އެރެސްޓެއްގެ ވޭނުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބޮލީވުޑްގެ ބަތޮލް އަޖޭ ދޭވްގަން (ކ)، ކުޅަދާނަ އެކްޝަން ޑައިރެކްޓާ އަދި ބައްޕަ ވީރު ދޭވްގަންގެ ޖަނާޒާގައި ގަބުރު އުފުލަނީ/ފޮޓޯ: ޑީއެންއޭ އިންޑިއާ

ވީރު ދޭވްގަންއަކީ ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރުންގެ ލިސްޓުން ޖާގަ ހޯދި ފަންނުވެރިއެކެވެ. ވީރު ދޭވްގަން މަޝްހޫރުވެފައިވަނީ ތަޅާ މަންޒަރުތައް ކޮރިއޮގްރާފްކޮށްދިނުމުގެ ރޮނގުންނެވެ. ވީރު ދޭވްގަންގެ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް އުފެއްދުންތަކުގެ ތެރޭގައި "ދިލްވާލޭ" (1994)، "ހިއްމަތުވާލާ" (1983) އަދި "ޝާހީންޝާހް" (1988) ހިމެނޭކަމަށް މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރުތައް ބުނެއެވެ.

ބައްޕަގެ މަރާއެކު އަޖޭ ދޭވްގަންވަނީ މިހާރު އޭނާ ކުރިއަށްގެންދާ ފިލްމް ޕްރޮމޮޝަންގެ މަސައްކަތްތަކުން ބްރޭކެއް ނަގާފައެވެ.