މިދިޔަ މަހުގެ 21 ވަނަ ދުވަހު ސްރީލަންކާއަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާތަކުގެ ފެށުން އައީ ޓެމިލް ނާޑޫއާއި ހިސާބުން ކަމަށް، ސްރީލަންކާގެ ރިޔާސަތުން ދާދިފަހުން ދެއްވި މައާފާއެކު މިނިވަންވެފައިވާ ބުދިސްޓުންގެ ބޮޑު ފާދިރީ ބުނެފިއެވެ.

އެއްވެސް ސަބަބަކާ ނުލާ ރައީސް މައިތްރިޕާލަ ސިރިސޭނާ މައާފު ދެއްވާފައިވާ ފާދިރީ ގަލަގޮދާއްތެ ނާނަސާރާ ބުނީ، ހަމަލާ ދިނުމުގައި ބައިވެރިވި ސްރީލަންކާގެ ހައްދުފަހަނައަޅާފައިވާ ޖަމާއަތަށް ހިތްވަރު ދީފައިވަނީ ޓެމިލް ނާޑޫގައި ހަރަކާތްތެރިވާ ހައްދުފަހަނައަޅާފައިވާ ޖަމާއަތަކުން ކަމަށެވެ.

ކަންމިހެން އޮތްއިރު، ސްރީލަންކާގެ އަސްކަރިއްޔާއިންވެސް ވަނީ މިފަދަ ވާހަކަތަކެއް މިމަހުގެ ކުރީކޮޅު ދައްކާފައެވެ. ސްރީލަންކާ އަސްކަރިއްޔާއިން ބުނި ގޮތުގައި "ކަމާބެހޭ އިތުރު ތަމްރީނު ހޯދުމަށް" ހަނގުރާމަވެރިން ކެރެލާއާއި ކަޝްމީރަށް ދަތުރުތަކެއް ކޮށްފައިވާކަމަށެވެ.

ފާދިރީ ބުނީ ޓެމިލްނާޑޫ ތައުހީދު ޖަމާއަތަށް ނިސްބަތްވާ އައްޔޫބްއާއި އާބްދީން ނަމަކަށް ކިޔާ ދެމީހަކު ސްރީލަންކާއަށް ދަތުރުކުރި ކަމަށާ، އެމީހުން ސްރީލަންކާއިން ބައްދަލުކުރީ ޢަބްދުލް ރައްޒާޤު ނަމަކަށް ކިއާ މީހަކާ ކަމަށެވެ. އަދި ސްރީލަންކާގެ ބުދިސްޓުން މުސްލިމުން ދެކެ ރުޅި އަންނަނީ އެ ސަބަބާ ހެދި ކަމަށް ބުނެ، ފާދިރީ ވަނީ ބުދިސްޓުން މުސްލިމުންނަށް ކުރަމުންދާ ގޯނާތަކުން ދިފާއު ހޯދުމަށް މަސައްކަތްކޮށްފައެވެ.

ހަމަލާތަކާ ގުޅިގެން ކިތަންމެ ބަޔަކު ހައްޔަރުކުރި ނަމަވެސް އެބުނާ ޢަބްދުލް ރައްޒާޤު އަދިވެސް އުޅެނީ މިނިވަނެއްގެ ގޮތުގައި ކަމަށާ، އޭނާ ދަނީ ސަލާމަތީ ބާރުތަކަށްވެސް އޮޅުވާލައިގެން ނުބައި މިސްރާބުތަކަށް އެބާރުތައް އަނބުރަމުން ކަމަށްވެސް ފާދިރީ ވަނީ ތުހުމަތުކޮށްފައެވެ.

ކަންމިހެންއޮތްއިރު، މި ފާދިރީއަކީ މުސްލިމުންނަށް އިންތިހާއަށް ފުރައްސާރަކުރަމުންދާ ފާދިރީއެއްކަންވެސް ފާހަގަކުރަންޖެހެއެވެ. މީގެ 6 ވަރަކަށް އަހަރު ކުރިން ފެށިގެން ޖަލުގައި ހުރި ނާނަސާރަ މިނިވަން ކުރުމާއެކު ގިނަ ބަޔަކު ދަނީ ސިރިސޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.