ސިޔާސީ ގޮތުން ބޮޑު ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ވެއްޓިފައިވާ ވެނެޒުއޭލާގެ ފުލުހުންގެ އިދާރާއެއްގައި ހުންނަ ޖަލުގައި ހަމަނުޖެހުން ހިންގާ، 23 ގައިދީއަކު މަރާލާފައިވާކަމަށް، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ގުރޫޕަކުން ބުނެފިއެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ގުރޫޕުން ބުނީ މި ހަމަނުޖެހުންތަކުގައި ފުލުހުންގެ 14 އޮފިސަރަކުވެސް ޒަހަމްވެފައިވާކަމަށެވެ.

ވެނެޒުއޭލާ ޕްރިޒަން އޮބްޒަވޭޓަރީ އިން ބުނީ ހަމަނުޖެހުން ހިންގި އަކަރިގުއާ ޖަލަކީ 250 މީހުންގެ ޖަލެއް ކަމަށާ، ނަމަވެސް މިހަރުވެސް އެ ޖަލުގައި 540 ގައިދީން އެބަތިބިކަމަށެވެ.

މި ޖަލުގައި މިހާ ބޮޑު ހަމަނުޖެހުންގަނޑެއް ހިންގަންޖެހުނު ސަބަބު އަދި ކަށަވަރުވާ ގޮތެއް ނުވެއެވެ.

ވެނެޒުއޭލާގެ ޖަލުތަކާ ބެހޭ ވުޒާރާއިން ބުނީ ފުލުހުންގެ އިދާރާތަކުގައި ހުންނަ ޖަލުތަކަކީ އެ ވުޒާރާއިން ބަލަހައްޓާ ޖަލުތަކެއް ނޫންކަމަށެވެ.