އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާގެ އެކި ހިސާބުތަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކަކީ ކިހިނެއް އައި ހަމަލާތަކެއްތޯ ބަލާ، އެފަދަ ހަމަލާއަކުން ގައުމު ދިފާއުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމާ ގުޅޭ ކަންކަން ބަލާ ދިރާސާކުރުމަށް ހާއްސަ ކޮމިޓީ އެކުލަވާލުމަށް ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ސާފު އަޣުލަބިއްޔަތުން ފާސްކޮށްފިއެވެ.

9 މީހަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާތަކުގައި 258 މީހެއްގެ ފުރާނަ ގެއްލި، 500 އަށްވުރެ ގިނަ މީހުންނަށްވަނީ އެކިވަރުގެ ޒަހަމްތައް ލިބިފައެވެ.

އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލާތައް ތަހުގީގު ކުރުމަށް އެކުވާލަން ނިންމާފައިވަނީ 12 މެމްބަރުންގެ މައްޗަށް އެކުލެވޭ ހާއްސަ ކޮމިޓީއެކެވެ. މި ކޮމިޓީގެ މެމްބަރުންނާ ޗެއާޕާސަން ކަނޑައަޅުއްވާނީ ގާނޫނު ހަދާ މަޖިލީހުގެ ރައީސްއެވެ.

މި ކޮމިޓީއިން ބަލާނެ މައިގަނޑު ކަންކަމުގެ ތެރޭގައި ހަމަލާގެ އިޝާރާތެއް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކަށް ކުރިން ލިބުނުތޯއާއި، އެދަރަޖައަށް ހަމަލާތައް ވަރުގަދަ ވެގެންދިޔައީ ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި އެކަށީގެންވާ އާލާތްތައް ނެތުމުން ތޯ ނުވަތަ އެނޫންވެސް ގޮތަކުން ސަރުކާރުގެ ތެރޭގައި އުނިކަމެއް އޮވެގެންތޯ ދެނެގަތުން ފަދަ ކަންކަން ހިމެނެއެވެ.

މި ކޮމިޓީ އެކުލަވާލުމަށްފަހު ފުރަތަމަ ބައްދަލުވުން ބާއްވާ ތާރީހުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ތަހުގީގު ނިންމާ، އެކަމާ ގުޅޭ ރިޕޯޓް ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅަންޖެހެއެވެ.