މިމަހު 31 އިން ފެށިގެން ސިނގިރޭޓް ވިއްކޭ އެންމެ މަދު މިންވަރަކީ މަދުވެގެން 20 ސިނގިރޭޓް ހިމެނޭ ފޮށްޓެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

އެޗްޕީއޭ އިން ބުނީ، މިމަހު 31 އިން ފެށިގެން، ރާއްޖޭގައި އުފައްދާ، ރާއްޖޭގައި ބަންދު ކުރާ، ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި ވިއްކާ ދުންފަތް ހިމެނޭ ބާވަތްތައް ވަކިން ވިއްކުން މަނާވަނެ ކަމަށެވެ. އެގޮތުން، ސިނގިރޭޓް ވިއްކޭނެ އެންމެ މަދު މިންވަރަކީ އެއް ފޮށި ކަމަށާއި، ބިޑި ވިއްކޭނެ އެންމެ މަދު މިންވަރަކީ މަދުވެގެން 50 ބިޑި ހިމެނޭ ފޮށްޓެއް ނުވަތަ ބޮނޑިއެއް ކަމަށް އެޗްޕީއޭން ބުނެއެވެ. އެ އެޖެންސީން ބުނީ ދުންފަތް ނުވަތަ ދުންފަތުގެ އެހެނިހެން ބާވަތްތައް ވިއްކޭނީ މަދުވެގެން 30 ގްރާމް ހިމޭ ގޮތަށް ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހު 31 ވަނަ ދުވަހު، ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާއި ބެހޭ ގަވާއިދު ވަނީ ގެޒެޓް ކުރެވިފައެވެ. މި ގަވާއިދާއި ހިލާފުވާ ފަރާތްތައް:

  • ފުރަތަމަ ފަހަރު، އެކުށް ކުރުމަށް ބޭނުންކުރި މުދަލެއްގެ އަގާއި އޭގެ ޓެކްސް އަދި އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ 10 ގުނައިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
  • ދެވަނަ ފަހަރު މިކުށް ތަކުރާރުކޮށްފި ނަމަ، ފުރަތަމަ ފަހަރު ޖޫރިމަނާ ކުރި އަދަދަށް 5000 ރުފިޔާ އިތުރު ކޮށްގެންވާ އަދަދަށް ޖޫރިމަނާ ކުރެވޭނެވެ.
  • ތިން ވަނަ ފަހަރު މިކުށް ތަކުރާރުކޮށްފި ނަމަ، ފުރަތަމަ ފަހަރު ޖޫރިމަނާ ކުރި އަދަދަށް 10000 ރުފިޔާ އިތުރު ކޮށްގެންވާ އަދަދަށް ޖޫރިމަނާ ކުރެވޭނެވެ.
  • ހަތަރު ވަނަ ފަހަރު މިކުށް ތަކުރާރުކޮށްފި ނަމަ، ފުރަތަމަ ފަހަރު ޖޫރިމަނާ ކުރި އަދަދަށް 20000 ރުފިޔާ އިތުރު ކޮށްގެންވާ އަދަދަށް ޖޫރިމަނާ ކުރެވޭނެވެ.
  • ފަސް ވަނަ ފަހަރަށް މި ކުށް ތަކުރާރު ކޮށްފިނަމަ، ފުރަތަމަ ފަހަރު ޖޫރިމަނާ ކުރި އަދަދުގެ އިތުރުން، ގާނޫނުގައި ޖޫރިމަނާ ކުރެވޭ އެންމެ މަތީ އަދަދުން ޖޫރިމަނާ ކުރެވޭނެއެވެ.

މީގެ އިތުރުން، މި ގަވާއިދުގައިވާ ގޮތުން، 31 ޖުލައި އިން ފެށިގެން ދުންފަތުގެ ބާވަތްތައް ބަންދުކޮށްފައި ހުންނަ ޕެކެޓާއި ކާޓަނުގެ ބޭރުގައި ހެލްތް މިނިސްޓްރީން އާންމުކޮށްފައިވާ ގޮތަށް ފޮޓޯ ޖެހި، ސިއްހަތުގެ އިންޒާރު ޖެހުން ލާޒިމް ވާނެއެވެ. އަދި ނޮވެމްބަރު 30 ވަނަ ދުވަހުން ފެށިގެން ހެލްތް މިނިސްޓްރީން އާންމުކޮށްފައިވާ ފޮޓޯ ޖެހި، ސިއްހަތުގެ އިންޒާރު ނެތް ދުންފަތުގެ ބާވަތްތައް ރާއްޖޭގައި ވިއްކުން މަނާވާނެއެވެ.