އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދ. ވާނީގައި ހުންނަ ފުލުހުން ތަމްރީނު ކުރުމަށް ހާއްސަކޮށްފައިވާ ޓްރެއިނިން ސްކޫލަށް އިންޑިއާ ސަރުކާރުން 7 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އެހީއަކީ ރާއްޖޭގެ އިޖްތިމާއީ އިގްތިސޯދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދީފައިވާ 100 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ބައެއް ކަމަށެވެ. އަދި ވާނީގައި ފުލުހުން ތަމްރީނުކުރުމަށް ހާއްސަކޮށްފައިވާ ޓްރެއިނިން ސްކޫލުގައި ތަފާތު ޕްރޮޖެކްޓްތަކެއް ހިންގުމަށް އެ 7 މިލިއަން ދިވެހި ރުފިޔާ ބޭނުންކުރާނެ ކަމަށެވެ.

މި ޓްރެނިން ސްކޫލަކީ ފުލުހުންނަށް ބޭނުންވާ ޒަމާނީ ތަމްރީނާއި ފުލުހުންގެ މަސްއޫލިއްޔަތު އެންމެ ރަނގަޅަށް އަދާކުރުމަށް ބޭނުންވާ ހުނަރާއި ގާބިލްކަން އިތުރުކުރުމަށް ގާއިމު ކޮށްފައިވާ ސްކޫލެކެވެ. ވާނީއަކީ ކުރިން މީހުން ދިރިއުޅުނު ރަށެއް ނަމަވެސް، ފަހުން އެރަށު މީހުން ކުޑަ ހުވަދޫއަށް ބަދަލުކޮށް، އެރަށަކީ ފަޅު ރަށެއްގެ ގޮތުގައި ހަމަޖެއްސިއެވެ. އަދި އެފަހުން ފުލުހުން ތަމްރީނު ކުރުމަށް އެރަށް ފުލުހުން ނަގާ އެތަނުގައި އަންނަނީ ފުލުހުންނަށް ތަފާތު ކޯސްތަކާއި ޓްރެއިނިންތައް ހިންގަމުންނެވެ.

އިންޑިއާ ސަރުކާރުން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.