ސްރީލަންކާގެ އަސްކަރިއްޔާގެ ވެރިޔާ މަހޭޝް ސެނަނަޔަކަ އިންޑިއާގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަރވިއުއެއްގައި ދިވެހިރާއްޖެއާއި ބެހޭ ގޮތުން ދެއްކެވި ވާހަކައާއި ގުޅިގެން، ކަމުގެ ހަގީގަތް އެނގޭނެ ގޮތަށް ރަސްމީ ބަޔާނެއް ނެރެދިނުމަށް ސްރީލަންކާ ސަރުކާރުގައި ދިވެހި ސަރުކާރުން އެދިއްޖެއެވެ.

ސެނަނަޔަކަ ދެއްކެވި ވާހަކައާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ، ސްރީލަންކާގެ އަސްކަރިއްޔާގެ ވެރިޔާ އިންޑިއާގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަރވިއުއެއްގައި ދިވެހިރާއްޖެއާއި ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، ދިވެހި ސަރުކާރުގެ ކަންބޮޑުވުންތަކާއި، އަދި އެ ވާހަކަތަކުގެ ސަބަބުން ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ކަންކަމާއި ގުޅޭގޮތުން ސްރީލަންކާ ސަރުކާރާއެކު ވާހަކަ ދައްކާފައިވާނެ ކަމަށެވެ.

އަދި ސްރީލަންކާގައި ދިރުއުޅޭ އަދި އެޤައުމަށް ދަތުރުކުރާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް ދިވެހި ސަރުކާރުން، ސްރީލަންކާގެ ސަރުކާރުގައި ދަންނަވާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިދިޔަ މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކުގައި އެއްވެސް ދިވެއްސެއްގެ ބައިވެރިވުމެއް އޮތްކަމަށް މިހާތަނަށް ތަހުގީގުކުރާ ފަރާތްތަކުން ބުނެފައިނުވަނީސް، ކަމުގެ ހަގީގަތް އޮޅިދާނެފަދަ ގޮތަކަށް، އަދި ދިވެހިންނާމެދު ނަފްރަތު އުފެދިދާނެ ގޮތަކަށް ޒިންމާދާރުކަން ކުޑަކޮށް މީޑިއާގައި ވާހަކަ ދައްކާފައިވާތީ، ކަމުގެ ހަގީގަތް އެނގޭނެ ގޮތަށް ރަސްމީ ބަޔާނެއް ނެރެދިނުމަށް ވެސް ސްރީލަންކާ ސަރުކާރުގައި ވަނީ ދަންނަވާފައި" މިއުވާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަވަށްޓެރި ގައުމުތަކަށް ދިމާވާ މިފަދަ ކަންކަމުގައި ދިވެހިރާއްޖެއިން ކުރިއެކޭ އެއްފަދައިން ކުރިއަށް އޮތްތަނުގައި ވެސް ދާނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. އަދި ދެކުނު އޭޝިއާ ސަރަހައްދާއި އިންޑިއާ ކަނޑުގެ ސަރަހައްދަކީ ޓެރަރިޒަމްގެ އަމަލުތަކުން މިންޖުވެގެންވާ ސަރަހައްދަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި ސަރަހައްދުގެ އެހެން ގައުމުތަކާއި ގުޅިގެން ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރަމުންދާނެ ކަމަށެވެ.

ސެނަނަޔަކަ އިންޑިއާގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އަވަށްޓެރި ގައުމުތަކުގެ ތެރެއިން އައިސިސް ޖަމާއަތާ ބައިވެރިވާން، ސީރިއާއަށް ދެވަނަ އަށް އެންމެ ގިނައިން، ލަންކާ މަގުން ދަނީ ދިވެހިން ކަން ފާހަގަ ކުރެއްވޭ ކަމަށެވެ. އޭނާ ވިދާޅުވީ ސީރިއާއަށް ހަނގުރާމައަށް ދާ އެ މީހުން ދަތުރު ކުރަނީ ލަންކާ މަގުން ކަމަށާއި، އޭގެ ތެރެއިން ބައެއް މީހުން އެމީހުންގެ މަންޒިލަށް ދިއުމުގެ ކުރިން ލަންކާގައި މަޑު ކުރާކަން ފާހަގަ ކުރެއްވިފައިވާކަމަށެވެ.

"އެއީ ރާއްޖޭގެ ސަރުކާރުގެ މައްސަލައެއް ނޫން ނުވަތަ ސަރުކާރާ ފަރާތްތަކާ ގުޅިގެން ކުރާ ކަމެއް ނޫން، އެއީ ވަކި ވަކި މީހުން ނުވަތަ ޖަމާއަތްތަކަކުން ކުރާ ކަމެއް" ސެނަނަކަޔަ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ގައުމަކަށް ނިސްބަތްވާ މީހަކު ނުވަތަ ވަކި ބަޔަކު އިއިސިސް ޖަމާއަތާ ގުޅުމަކީ އެމީހަކު ނުވަތަ ބަޔަކު ނިސްބަތްވާ ގައުމު ޓެރަރިސްޓު ގައުމަކަށް ވާނެ ކަމެއް ނޫންނެވެ. އެފަދަ ޖަމާއަތްތަކާއި ގުޅޭ މީހުންނަކީ އެ ބަޔަކު އަމިއްލައަށް ގުޅުންތައް ހޯދައިގެން އުޅޭ ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.