ދުނިޔޭގެ އެންމެ ވަރުގަދަ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކުގެ ލިސްޓަށް، ރާއްޖޭގައި ޓެލެކޮމް ހިދުމަތް ދެމުން ގެންދާ ކުންފުނި އުރީދޫ މޯލްޑިވްސްގެ މައި ކުންފުނި، އުރީދޫ ގްރޫޕް ހިމެނިއްޖެއެވެ.

ދުނިޔޭގައި މުއާސަލާތީ ކުންފުނިތައް ލިސްޓުކޮށް ގިންތި ކުރާ "ބްރޭންޑް ފައިނޭންސް" ގެ ޓެލެކޮމް 300، 2019 ގެ ރިޕޯޓާ ހަވާލާ ދީ އުރީދޫން ބުނީ، ދުނިޔޭގެ އެންމެ ވަރުގަދަ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކުގެ ލިސްޓަށް އެ ކުންފުނި ހިމެނިފައިވާއިރު މި އަހަރު އެ ކުންފުންޏަށް ލިބިފައި ވަނީ ލިސްޓުގެ 41 ވަނައެވެ. އޭގެ އިތުރުން އެ ކުންފުނީގެ ބްރޭންޑިން ވެލިއު ވަނީ 3.7 ބިލިއަން ޑޮލަރަށް އަރާފައި ކަމަށް ވެސް އުރީދޫ ގްރޫޕުން ބުނެއެވެ.

ބްރޭންޑް ފައިނޭންސްގެ ޓެލެކޮމް 300ގައި މި އަހަރު އުރީދޫ ގްރޫޕަށް 41 ވަނަ ލިބިފައިވާއިރު، މިދިޔަ އަހަރު އެ ގްރޫޕަށް ލިބިފައި ވަނީ 43 ވަނައެވެ. އަދި އުރީދޫ ބްރޭންޑުގެ ރޭޓިން މިހާރު ވަނީ "އޭއޭ ޕްލަސް" އަށް އަރާފައެވެ.

އުރީދޫ ގްރޫޕަށް ލިބުނު މި ކާމިޔާބީއާ ބެހޭ ގޮތުން އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޝެއިހް ސައުދު ބިން ނާސިރު އަލް ތާނީ ވިދާޅުވީ މި ކާމިޔާބީ ލިބިފައިވަނީ އެ ކުންފުނީގައި އޮތް ވަރުގަދަ ޓީމުގެ މަސައްކަތުން ކަމަށެވެ. އަދި ކަސްޓަމަރުން ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ގާއިމް ކުރުމުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.