އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް، އެ ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވަން އުޅޭ ކަމުގެ އިޝާރާތެއް ކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއު އެއްގައި ޝަރީފް ވިދާލުވީ އީސީގެ މެންބަރުކަމުން އިސްތިއުފާދެއްވުމަށް ނިންމެވީ، މިނިވަން މުއައްސަސާއެއްގެ މެންބަރުކަމުގައި ހުންނަވައިގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައި ނުގެންނެވޭތީ ކަމަށެވެ. އަދި މިހާ ހިސާބަށް ވަޑައިގަތުމުގައި ގިން ގޮންޖެހުންތަކާއި އެކުވެސް އެކޮމިޝަންގެ ޒިންމާތައް އަދާކުރެއްވުނު ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް މިހާރު ތައްޔާރުވަމުން އަންނާތީވެ އެފަދަ ދަނޑިވަޅެއްގައި އެ މަގާމު ހުސްކުރެއްވުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ. އޭގެ ބަދަލުގައި ލޯކަލް ކައުންސިލް އިންތިހާބު ފުރިހަމަ ކުރެއްވުމަށްފަހު އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިހާރު ކައުންސިލް އިންތިޚާބަށް ތައްޔާރުވަމުން މިއަންނަނީ. އިންތިޚާބަށް ތައްޔާރުވާއިރު މަޤާމު ހުސްކުރުމުގެ ބަދަލުގައި އިންތިޚާބު ފުރިހަމަކޮށްފައި ދިއުމުގެ ވިސްނުން ގެންގުޅެނީ.
ޝަރީފް

އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމަށް ޝަރީފް އައްޔަން ކުރެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ޝަރީފް ވަނީ އީސީގެ ރައީސް ކަމުގެ އިތުރުން މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރުކަމާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފައެވެ.