ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އައި.އެސް.ޑީ.ބީ – ޓީ ޕްރޮޖެކްޓުގެ ބިޑް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް އުވައިސް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.
ޖަޕާނުގެ ޓޯކިއޯގައި މިއަދު ބޭއްވުނު މި ރަސްމިއްޔާތުގައި ބިޑް ހަވާލުކޮށްފައި ވަނީ ޖަޕާނުގެ އެން.ބީ.ކޭ ކޯޕަރޭޝަންއަށެވެ.
ރާއްޖެއިން ޕަބްލިކް ސާވިސް މީޑިއާ (ޕީ.އެސް.އެމް)ގެ ފަރާތުން މަސައްކަތް ހަވާލުކުރި ކަމުގެ ލިޔުމުގައި ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސާ މުހައްމަދު ސައީދެވެ. އަދި އެން.ބީ.ކޭ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ ކޮމްޕެނީ ޑައިރެކްޓާ މރ. މަސުކާޒޫ ޑަޒާއީއެވެ.
ޓޯކިއޯގެ އެބިސޫގައި ބޭއްވުނު މި ރަސްމިއްޔާތުގައި އެން.ބީ.ކޭ ކޯޕަރޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސާ މރ. ޔުކިއޯ ކުރަބްޔާޝީގެ އިތުރުން ކުންފުނީގެ އެހެނިހެން އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓު މަގްސަދަކީ ރާއްޖޭގެ ރައްޔިތުންނަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ މަގުތައް އިތުރަށް ފަހިކޮށްދިނުމާއި އެއް ހަމައެއްގައި ހުރިހާ ސަރަހައްދުތަކަކަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކަށް ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޒަން ވިއުގައެއްގެ ތެރެއިން ހައްލު ހޯދައިދިނުމެވެ.
ހަމައެއާއެކު، ކާރިސާއެއް ކުރިމަތިވުމުގެ ކުރިން އެކަމުގެ އިންޒާރުދޭ ނިޒާމެއްގެ ގޮތުގައި ވެސް މި ވިއުގަ ބޭނުންކުރެވޭނެއެވެ. މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް ހަމަޖެހިފައިވާއިރު މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކޮށްފައި ވަނީ 2020 ވަނަ އަހަރު ނިމުމުގެ ކުރިންނެވެ.