މިދުވަސްވަރަކީ މޫސުމުގެ ފިނިހޫނުމިން އާދަޔާ ހިލާފަށް ގަދަ ދުވަސްވަރަކަށްވެފައި، މިއީ ބަދިގޭގައި ގިނަވަގުތުތަކެއް ހޭދަކުރަމުންދާ ދުވަސްވަރެއް ކަމުން ކޮޓަރީގެ އޭސީ ފިނިކޮށްފައި ހުންނަނީ މަދުބައެއް ނޫނެވެ. ބަދިގޭގެ ހޫނުގަނޑުގެ ތެރޭގައި އުޅުމަށްފަހު ފިނިކޮށްލަން ދެތިން މިނެޓްގެ ބުރޭކެއް ނަގަން ކޮޓަރިއަށް ވަންނަނީ ތީގެ ތެރެއިން ކިތަށް ބޭފުޅުންތޯއެވެ. ނަމަވެސް މިކުރެވެނީ އެންމެ ރަނގަޅުކަމެއްތޯ ބަލަމާ ހިނގާށެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި މިހާ ކުށްލި ކުށްލި ހަށިގަނޑުގެ ފިނިހޫނުމިން ވައްޓާލުން ނުވަތަ ދަށްކޮލުމަކީ އެކަމުގެ ވޭނާ ތަކުލީފު ހުރި ކަމެކެވެ. ވަކީން ހާއްސަކޮށް ފިންޏަށް ބަލި މީހުންނަށް މިކަމުގެ އުނދަގޫ ބޮޑެވެ.

ހޫނުތަނަކުން ފިނިތަކަށް ކުށްލިއަކަށް ވަނުމުން ހަށިގަނޑަށް ބޮޑު ޕްރެޝަރެއް ކުރިމަތިކުރުވައެވެ. މިއީ އެތެރެ ހައްޓާ ބޭރަށްވެސް ގެއްލުންތަކެއްދޭ ކަމެކެވެ. އެއީ ހަށިގަނޑުގެ ފިނިހޫނުމިން ކުށްލިއަކަށް ވައްޓާލުމަށް މަޖުބޫރުކުރެވޭތީއެވެ.

ފިނިތަނެއްގެ ތެރެއަށް ކުށްލިއަކަށް ވަނުމުގެ ސަބަބުން ކުރިމަތިވާ ބައެއް މައްސަލަތަކުގެ ތެރޭގައި ހަންގަނޑު ހިކުން، ލޮލުގައި މަޑުލުން، ލޯ ހިރުވުން އަދި ކިނބިހިއެޅުން ފަދަ ކަންކަންހިމެނެއެވެ. ބައެއް މީހުން އޮފީހަށް ގޮސް ވަންނައިރަށް ރޯގާޖެހި ބަލިވާ ކަމުގެ އިހުސާސް ކުރެވެނީވެސް މިފަދަ ސަބަބަކާ ހެދިއެވެ. ގަދަ އަވީގައި އުޅެފައި ގޮސް، އިންތިހާއަށް ފިނި ކޮޓަރިއަކަށް ވަނުމުން މިފަދަ ގޮތެއް ވެދާނެއެވެ.

އިތުރު އެހެން އަލާމާތްތަކުގެ ތެރޭގައި ނޭފަތުން ފެން ފޭބުން، ނޭވާއަށް އުނދަގޫކުރުން، މަސްތަކުގައި ރިއްސުން، ސައިނަސްގެ އުނދަގޫތައް ޖެހުން، ކަރުގައި ރިއްސުމާއި ގައިގެ އެކި ހިސާބުތަކުގައި ރިއްސުންފަދަ ކަންކަން ހިމެނެއެވެ. ހިތުގެ ބަލި ހުންނަށް މީހުންނަށް މި ނުރައްކާ އިތުރަށް ބޮޑުވާ ގޮތްވެސް ވެދާނެއެވެ.

ރާއްޖެފަދަ ގައުމެއްގެ ގުދުރަތީ ފިނިހޫނުމިން ހުރި ގޮތަށް ބަލާއިރު އެއާކޮންޑިޝަން ކޮށްފައި ހުންނަ އާންމު ތަނެއްގެ ފިނިމިން ބަހައްޓަން އެންމެ އެކަށީގެންވަނީ 25 ޑިގްރީ ސެލްސިއަސްގައެވެ. "އިޓްސް ކޫލް އެޓް 25"ގެ ނަމުގައި މީގެ އަހަރުތަކެއް ކުރިން ކެމްޕޭނެއް ހިންގި ނަމަވެސް، މިއަދު މިކަމަށް ސަމާލުކަން ދެނީ އިނގިލުން ގުނާލެވޭހާ މަދު ބައެކެވެ.

ފިނިތަނަކުން ހޫނުތަނަކަށް ބަދަލު ނުވެ އުޅުމަކީ އެކަމުން މުޅިން ދުރުވެވޭނެ ކަމަކަށް ނުވާއިރު، ފިނިމިން ކޮންޓްރޯލް ކުރުން ވަރަށް މުހިންމެވެ. ނޫންނަމަ ހަށިގަނޑު ބަލިކަށިވެ، މޫސުމީ ރޯގާތަކާ ވައިރަލް ހުންތަކަށް ހަށިގަނޑު ހުށަހެޅޭ މިންވަރު އިތުރުވެގެންދެއެވެ.

ކޮންމެހެންވެސް ފިނިކޮށްފައި ހުންނަންޖެހޭ ތަނެއްގައި މަސައްކަތްކުރަން ޖެހޭނަމަ، ބޭރަށް ނިކުތުމުގެ ކުރިން އޭސީ ނިއްވާލާށެވެ. އަދި ކޮޓަރިން ފިނިކެނޑެންދެކަށް އެތަނުގެ ތެރޭގައި މަޑުކޮށްލާށެވެ. އެއިރުން ހަށިގަނޑުވެސް ދާނީ އެ ފިނިހޫނު މިނަށް ހޭނެމުންނެވެ. ބޭރުން އައިސް މިފަދަ ތަނަކަށް ވަންއިރުވެސް، ކުށްލިއަކަށް އޭސީ ނުޖައްސާށެވެ. ފުރަތަމަ ފަންކާއެއް ކަހަލަ އެއްޗަކުން ހަށިގަނޑު ފިނިކުރަމުން ގޮސް، އޭސީ ޖައްސާށެވެ.