ދެޖިންސުގެ ހަމަހަމަކަމަށް ވަކާލާތުކުރާ އަޑުފަށްގަނޑު ކިތަންމެ ގަދަވެގެން ދިޔަ ކަމުގައި ވީނަމަވެސް ދިރިއުޅުމާއި ގުޅުން ހުރި ހުރިހާ ކަމެއްގެ ޒިންމާ މެނޭޖު ކުރުމުން ފެށިގެން ގޮސް އަމަލީ ގޮތުން އެކަމެއް ތަންފީޒުކޮށް، އެކަމެއްގެ ނަތީޖާތަކާ ކުރިމަތިލާންޖެހޭ ހަމައެކަނީ ބަޔަކީ މަންމައިންނޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.

ރީތިވެލުމަށް ކިތަންމެ ބޭނުންވި ކަމުގައި ވީނަމަވެސް ދުރާލާ އެޕޮއިންޓްމަންޓެއް ހަދައިގެން ސެލޫންއަކަށް ދިއުމަކީ ޅަދަރިމައިންނަށް ގިނަ ފަހަރު ނުވެފައު އޮންނަ ކަމެކެވެ. ނަމަވެސް، ރީތިވެ، ޒީނަތްތެރިވުމަށް ގޭގައި ފަސޭހަ ކަމާއެކު ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ.

ރޭގަނޑު ކާށިތެޔޮ ބޭނުން ކުރުން

ދުވާލުގެ ބުރަ މަސައްކަތަށްފަހު ނިދަން އެނދަށް އަރާ ހަމަޖެހިލާށެވެ. ބުރަ މަސައްކަތާ، ދަރިން ގޮވައިގެން ކޮޅުކޮޅު މައްޗަށް ހިނގުމުގެ ސަބަބުން ކުރަކިވެފައިވާ މޫނުގެ ހަންގަނޑަށް އަރާމުކަމެއް ދޭށެވެ. މިއީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. ކުރަންޖެހޭހާވެސް ކަމަކީ ތާޒާ ކާށިތެޔޮފޮދަކުން މޫނުމަތި މަސާޖުކޮށްލުމެވެ. އަދި ބޭނުން ނަމަ ބޮލުގެ އިސްތަށިގަނޑުގައިވެސް ކާށިތެޔޮލައިގެން މަސާޖުކޮށްލެވިދާނެއެވެ.

ތާޒާ ކާށިތެޔޮ ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ޕެރޭޑް

މިގޮތަށް މޫނާ ބޮލުގައި މަސާޖު ކުރާނީ އަމިއްލަ އަތުންނެވެ. އެއިރުން އަމިއްލަ އަތުގެ އިނގިލިތަކަށްވެސް ލުއިކަމާ އަރާމުކަން އިހުސާސްކުރެވޭނެއެވެ. ނިދާނީވެސް މި ގޮތަށް މަސާޖުކޮށްގެން އޮވެއެވެ. ފަތިހު ތެދުވެ، މޫނު ސާފުކޮށް ދޮވެލާށެވެ. އަދި ބޮލާ އިސްތަށިގަނޑުވެސް ރަނގަޅަށް ދޮވެލާށެވެ.

ނިޔަފަތި ނަލަކޮށްލުން

ސާފުތާހިރުކަމާ އެންމެ ބޮޑަށް ގުޅިފައިވަނީ ނިޔަފަތިތަކެވެ. އަތްފައިގެ ނިޔަފަތިތަކެވެ. ނަލަކަމެއް ކަމުގައި ހީވިނަމަވެސް އެކި ކަހަލަ ކުލަތަކާ ކޯޓުތަކުން ނިޔަފަތިގަނޑުގެ ގުދުރަތީ ވިދުން ނަގާ ނުލާށެވެ. ކޮންމެހެން ކުލައެއް ޖައްސާލަން ބޭނުންނަމަ ތާޒާ ހީނާފަތް ޚިޔާރު ކުރާށެވެ. ގަވައިދުން ނިޔަފަތި ކަނޑާފައި ބަހައްޓަން ހަނދާނުގައި ބަހައްޓަންވާނެއެވެ. މިގޮތަށް ކަން ކުރުމުން، ނިޔަފަތުތައް ހަޑިވުމުންވެސް ދުރުކޮށްދޭނެއެވެ. ވީވަރަކުން ހޭންޑްކްރީމެއް ބޭނުންކޮށްގެން ނިޔަފަތިތަކުގެ ތެތްކަން ދަމަހައްޓަންވާނެއެވެ.

ޝޭވް ކުރުމަަށާ އިސްތަށި އުފުރުމަށް ގޭގައި ބޭނުންކުރެވިދާނެ ބައެއް ސަމާނު/ފޮޓޯ: ބެސްޓް ޕްރޮޑަކްޓްސް

ހޯމް-ހެއާ-ރިމޫވަލް

ވެކްސް ކުރަން ތަނަކަށް ގޮސް ގިނަ ވަގުތަކެއް ހޭދަކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ނުކުރެވޭނެ ކަމަކަށްވާއިރު، މިއީ ގޭގައިވެސް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. ހަށިގަނޑުގެ އެކި ހިސާބުތަކުގައި ހުންނަ "ބޭކާރު" އިސްތަށި ނައްތާލުމަށް އަދިވެސް ހޯދިފައިވާ އެންމެ ރައްކާތެރި އަދި އެންމެ ރަނގަޅު ހަތިޔާރަކީ ރޭޒަރެވެ. ޝޭވް ކުރުމުގެ ކުރިން، ޝޭވް ކުރަން ބޭނުންވާ ހިސާބު ފާހަގަކޮށް، އެ ސަރަހައްދުގައި ހެއާ ކޮންޑިޝަނާ ހާކާފައި ބަހައްޓާށެވެ. މިގޮތަށް ކަން ކުރުމުން ފަސޭހަ ކަމާއެކު އިސްތަށިތައް ބޭލޭނެއެވެ. އެއަށްފަހު ކޮންމެ ދުވަހަކު ނުވަތަ ދެދުވަހުން އެއްދުވަހު ކަހަލަ ގޮތަކަށް ހެއާ ރިމޫވާ އިލެކްޓްރިކް ރޭޒަރު ނުވަތަ ވެކްސް ސްޓިރިޕްސް ބޭނުން ކުރާށެވެ. ގިނަ ދުވަސްވަންދެން ޝޭވް ނުކޮށް ހުރެފައި އިސްތަށިނައްތާލަން އުޅުމުގެ ބަދަލުގައި އެންމެ ލަސްވެގެން ދެދުވަހުން އެއްދުވަހު މިކަން ކުރާނަމަ ހޭދަވާ ވަގުތުވެސް އެތައް ގުނައަކުން ކުޑަވެގެންދާނެއެވެ.

ޝީޓްމާސްކެއް ބޭނުން ކުރުން

މޫނުގެ ހަންގަނޑު ކުރަކިވެ، ކަޅުވެ ހަލާކުވާ ގޮތް ވާނަމަ އަބަދުވެސް އަތުޖެހޭ ހިސާބުގައި ޝީޓް މާސްކް ބަހައްޓާށެވެ. ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އޮށޯވެލަން ލިބޭނަމަ މި ޝީޓްމާސްކުގެ ބޭނުން ކުރާށެވެ. ކަމާ ކަންފަށާ ފެޝަލްއަށް ވަގުތު ހޭދަ ނުކުރެވުނުކަމުގައި ވީ ނަމަވެސް، މިއީވެސް ކޮންމެވެސް ވަރެއްގެ ފަރުވާއެކެވެ.

އަންހެން ކުއްޖަކު މީހެއްގެ ބުރުގާ އަޅުވާދެނީ/ފޮޓޯ: ނިއުޔޯކްޕޯސްޓް

ސީސީ ކްރީމްއާއި ލިޕްޓިންޓް

ޒަމާނީ ފެޝަނަށް މޭކަޕް ކުރުމަކީ ދެތިން މިނެޓުން ނިންމާލެވޭނެ ކަމެއް ނޫންކަމީ އެންމެން ދަންނަ ހަގީގަތެކެވެ. ކިތަންމެ ބުރަކޮށް އުޅެންޖެހުނު ކަމުގައި ވީނަމަވެސް ޒީނަތްތެރިވުމަކީ ނެތް ކަމެއް ނޫނެވެ. މޭކަޕްގެ އެކި ފަށަލައް ހާކާލަ ހާކާލާ ހުރުމުގެ ބަދަލުގައި، އެމީހެއްގެ ހަމުގެ ކުލައާއި ގުޅޭ ސީސީ ކްރީމެއް ހިޔާރު ކުރާށެވެ. މިއީ ހަންގަނޑުގެ ތެތްކަން ހިފަހައްޓާދިނުމުގެ އިތުރުން ހަންގަނޑުގެ ކުލަވަރު ރަނގަޅުކޮށްލަދީ، ހަންގަނޑު ދުޅަހެޔޮކަމަށް ދައްކުވާދޭނެ ކްރީމެކެވެ. ހަމަ މިއާއެކު، ތުންފަތުގައި މަޑުމަޑު ކުލައެއް ހިފާ ލިޕް ކެއާ ކްރީމެއް ބޭނުންކޮށްލާށެވެ.

ގެންގުޅެން ފަސޭހަ ހެއާސްޓައިލްއެއް

ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ޒީނަތްތެރިވުމުގެ ވާހަކަ ދައްކާއިރު އިސްތަށިގަނޑަކީ އެންމެ ގިނަ ވަގުތު ހޭދަވާ އެއްސަރަހައްދެވެ. އެންމެ ބުއްދިވެރި ގޮތަކީ އެމީހެއްގެ މޫނަށް އެންމެ ގުޅޭ އަދި ތިބާއާއި ތިބާގެ ލޯބިވެރިޔާއަށްވެސް އެންމެ ރީތި ހެއާ ސްޓައިލެއް އިހުތިޔާރުކޮށް، އެގޮތަކަށް ބޯކޮށާލުމެވެ. މިހެން ކަން ކުރުމުން، ކަމުދާ ގޮތަކަށް ފުނާ ނޭޅިގެން އުޅެން ހަދައިގެން ވަގުތަކެއް ބޭކާރުވެގެނެއްވެސް ނުދާނެއެވެ. މިގޮތަށް ހެއާސްޓައިލް ޚިޔާރު ކުރާރިއު ދޮވެސާފުކޮށް، ގޮށްފިލުވާ ހަދަން ފަސޭހަ ހެއާސްޓައިލެއް އިހުތިޔާރު ކުރުމުން ފަހުން ކުރާނެ ފައިދާ މާ ބޮޑުވާނެއެވެ.

ޒަމާނަށް އައިސްފައިވާ ބަދަލާއެކު ގިނަ އާއިލާތަކަކީ ކުދިކުދި ގޮޅިތަކެއްގައި ދިރިއުޅެމުންދާ ބަޔަކަށްވާއިރު އަތްގާތްކޮށްލަދޭނެ މީހަކުވެސް ގިނަފަހަރަށް އޮންނަނީ ބެހެއްޓޭ ގޮތް ނުވެފައެވެ. ނަތީޖާއަކަށްވަނީ އަންހެނެއްގެ ހައިސިއްޔަތުން މަޔަކަށް ބޭނުންވާ ޒީނަތްތެރިކަމަށް އެކަށީގެންވާ ވަރަށް ވަގުތު ނުދެވުމެވެ. މިކަން ތަކުރާރުވަމުން ގޮސް، ފަރުވާކުޑަވެ، އެންމެ ފަހުން ދެމަފިރިންގެ މެދުގައި އޮތް ޖަޒުބާތީ ލޯބީގެ ހަނީމޫނުގައި ސިއްކަޖަހަންޖެހިދާނެކަމުގެ އިޝާރާތްތައް ހަނާއަޅަނީ މާ ދުރަކުން ނޫނެވެ.