އާދަޔާ ހިލާފު ބާރު ދުވެއްޔެއްގައި ކުރިއަރާފައިވާ ޗައިނާގެ ޓެކްނޮލިޖީ ކުންފުނި ވާވޭގެ ބިރަށް، އެމެރިކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށް ރައީސް ޑޮނާލްޑް ޓްރަމްޕް ނިންމަވައިފިއެވެ.

ޓްރަމްޕްގެ މި ނިންވުމާއެކު، އެމެރިކާގެ ޓެކްނޮލޮޖީ ބާޒާރުން ވާވޭ ފޮހުލުމަށް މަގު ތަނަވަސްވެގެންދާނެއެވެ.

ކުށްލި ނުރައްކަލުގެ އަމުރު ތަންފީޒުކުރެއްވުމަށް ޓްރަމްޕް ނިންމެވުމާއެކު، ގައުމީ ސަލާމަތަށް ނުރައްކާވާ ކުންފުނިތަކުގެ އުފެއްދުންތައް އެމެރިކާގައި ބޭނުންކުރުން މަނާވެއެވެ. އެގޮތުން ޓެކްނޮލޮޖީ މުވާސަލާތީ މުއާމަލާތްތަކުގައި އެފަދަ ކުންފުންޏެއްގެ އުފެއްދުމެއް ބޭނުން ކުރުމުގެ ހުއްދައެއް އެމެރިކާގެ ކުންފުނިތަކަށް ލިބިގެނެއް ނުވެއެވެ.

ޓްރަމްޕެގެ ރިޔާސީ އަމުރުގައި ކަނޑައެޅިގެން ވާވޭގެ ނަން ކަނޑައެޅިގެން ފާހަގަކުރައްވާފައި ނުވިނަމަވެސް، ވާވޭއާއި ދެކޮޅަށް މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާއިން ވިސްނަމުންދާތާ އަހަރެއްހާ ދުވަސްވަނީ ވެފައެވެ.

އެމެރިކާގައި ކުށްލި ނުރައްކާ އިއުލާން ކުރެއްވުމަށް ޓްރަމްޕް ނިންމެވެނީ، އުމްރާނީ އަދި ޑިޖިޓަލް އިގުތިސޯދުގެ ސަލާމަތަށް ނުރައްކާ ކުރިމަތިވެފައިވާކަމަށް ބަޔާންކުރައްވަމުންނެވެ.

ޓްރަމްޕް މިފަދަ ފިޔަވަޅެއް އަޅުއްވާފައި މިވަނީ، ދުނިޔޭގެ އެންމެ ވަރުގަދަ އިގުތިސޯދުގެ ލަގަބު ކަށަވަރުކުރުމަށް އެމެރިކާއާއި ޗައިނާއިން ކުރަމުންދާ ވިޔަފާރިއާއި އިގުތިސޯދުގެ ހަނގުރާމަ އިތުރަށް ހޫނުގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

ވާވޭއިން ބުނީ އެމެރިކާގެ ނިންމުމަކީ އެއްވެސް ތާކުން ތާކު ޖެހޭ ނިންމުމެއް ނޫންކަމަށާ، އެމެރިކާ ސަރުކާރާއެކު މަޝްވަރާކުރުމަށް އެކުންފުނިން ތައްޔާރަށް އޮތް ކަމަށެވެ. މިފަދަ ފިޔަވަޅެއްގެ ނަތީޖާއަކަށްވާނީ 5ޖީ ޓެކްނޮލޮޖީއާއިގެން ޗައިނާއިން ކުރިއަރާ ދާއިރު އެމެރިކާ ފަހަތުގައި އޮންނަންޖެހުން ކަމަށްވެސް ވާވޭއިންވަނީ ފާހަގަކޮށްފައެވެ.