ގެއްލުމާއި ޖޫރިމަނާގެ ބަދަލުގައި ސަރުކާރުން ދޭންޖެހޭ އަދަދަށްވުރެ އެކިއެކި މަރުހަލާތަކުގައި ކޯޓަށް ދެއްކި އަދަދު ހަގުނަ އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި މިދިޔަ ހަފްތާގެ މާލީ ރިޕޯޓުގައިވާގޮތުން، ބަޖެޓްގައި ޖޫރިމަނާއާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން މި އަހަރުގެ ބަޖެޓްގައި ކަނޑައަޅާފައި ވަނީ 50.4 މިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް އައި އިރު، 336.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މާލީ ބަޔާނުން ދައްކައެވެ.

މިހާތަނަށް 336.7 މިލިއަން ރުފިޔާ ޖޫރިމަނާއާއި ގެއްލުމުގެ ބަދަލުގައި ދީފައިވާ އިރު، އުތުރުގެ ހަތަރު އަތޮޅެއްގައި ފެރީގެ ނިޒާމް ހިންގަން ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓުގެ އެއްބަސްވުން ބާތިލް ކުރި މައްސަލައިގައި ދައުލަތުން 348 މިލިއަން ރުފިޔާ ދޭން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވެއެވެ.

އެހެންކަމުން މި ފައިސާ ދައުލަތުން ދައްކައިފި ނަމަ، ޖޫރިމަނާ އަދި ގެއްލުމުގެ ގޮތުގައި ދައްކަން ބަޖެޓްގައި ހިމެނި އަދަދު 13 ގުނަ އިތުރުވެގެންދާނެއެވެ. ނަމަވެސް ދީބާޖާގެ މައްސަލައިގައި ހިމެނޭ ފައިސާ ފިނޭންސުން ދައްކާނީ އެޓާނީ ޖެނެރަލް އޮފީހުން އެންގުމުންނެވެ.

ދައުލަތުން 336.7 މިލިއަން ރުފިޔާ ދައުލަތުން ދައްކާފައިވާ އިރު، މި ފައިސާގެ ތެރޭގައި ސުނާމީ ލޯނާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އަށް ދެއްކި ފައިސާއާއި، ނެކްސްބިޒަށް ދެއްކި ފައިސާވެސް ހިމެނެއެވެ.