މުޅި ގައުމުގެ ސަލާމަތީ މަސްރަހު މިހާރު އޮތީ ކޮންޓްރޯލް ކުރެވިފައި ކަމަށާ ބޭރު ގައުމެއްގެ އަސްކަރީ އެހީއަކަށް އެގައުމުން ބޭނުން ނުވާކަމަށް ސްރީލަންކާގެ ސަރުކާރުން ބުނެފިއެވެ.

ސްރީލަންކާ އަސްކަރިއްޔާގެ ތަރުޖަމާނު ސުމިތު އަޓަޕައްޓު ވިދާޅުވީ މުސްލިމުންނަށް އަމާޒުކޮށް ހަމަލާތައް ދިނުމުގައި ހަރަކާތްތެރިވި 100 އެއްހާ މީހުން ހައްޔަރުކުރެވިފައިވާކަމަށާ، އިތުރު ހަމަނުޖެހުންތަކެއްގެ ރިޕޯޓް ލިބިފައި ނުވާކަމަށެވެ.

އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާއަށް އަމާޒުވި ޓެރަރިސްޓް ހަމަލާތަކާ، އެ ހަމަލާތަކާ ގުޅިގެން އެގައުމުގައި ހިންގަމުންދާ އެކި ހަމަނުޖެހުންތަކާ ގުޅިގެން ސްރީލަންކާގެ ސަލާމަތީ މަސްރަހާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަމުންދަނުކޮށް، ސްރީލަންކާގެ މާލީ ވަޒީރު މަންގަލަ ސަމަރަވީރާ ވިދާޅުވީ، އެމެރިކާ ނުވަތަ އެހެންވެސް ގައުމެއްގެ އަސްކަރިއްޔާއިން ސްރީލަންކާގެ ފަސްގަނޑުގައި ހަރަކާތްތެރިވުމުގެ ބޭނުމެއް ނެތްކަމަށެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކުން އަމާޒުކުރަމުންދާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން ވަޒީރު އިތުރަށް ވިދާޅުވީ ބޭރު ގައުމުތަކުން ގެނެސްފައިވާނީ ޖާސޫސީ ތަޖުރިބާކާރުން ކަމަށާ، އެކަން ކޮށްފައިވާނީ ޓެރަރިޒަމްގެ ބިރުވެރިކަމުން ސްރީލަންކާ ދިފާއުކުރުމުގެ މަގުސަދުގައި ކަމަށެވެ.

ސްރިލަންކާ އަސްކަރިއްޔާގެ ކޮމާންޑަރުގެ އިތުރުން އެގައުމުގެ ސަލާމަތީ ކަންކަމާ ގުޅޭ ކަންކަމާ ހަވާލުވެވަޑައިގެން ތިއްބެވި އިސް އޮފިޝަލުންވަނީ، ސްރީލަންކާގެ އާންމު ހާލަތު ކޮންޓްރޯލް ކުރެވިފައިވާކަމުގެ ޔަގީންކަން ދެއްވާ، އެކަން ހާމަކުރައްވާފައެވެ.