ދުނިޔޭގެ ސިނާއަތުގެ 95 ޕަސެންޓު ހިއްސާކުރާ 3 ކުންފުނީގެ ތެރެއިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ތައްޔާރު ކުރުމުގެ މަސައްކަތް ހަވާލު ކުރެވިފައިވާ ދެކުންފުނިން އެއް ކުންފުނި ކަމުގައި ވާ ފިޗް ރޭޓިންސް (ފިޗް) އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންއަކީ ބީ ޕްލަސް ކަމަށް ނިންމައިފިއެވެ.

ފިޗް އިން ބުނީ ބީ ޕްލަސް ކްރެޑިޓް ރޭޓިން އެއްގެ ގޮތުގައި ދަމަހައްޓާފައި ވަނީ ރާއްޖޭގެ އިތުރުވެފައިވާ ދަރަންޏާއި، ރާއްޖެއިން ކުރަމުންދާ ހަރަދުގެ ނިސްބަތަށް ބަލާއިރު ރިޒާވް ވާ ބޭރު ފައިސާގެ ރިޒާވް މަދުވުމުން ކުރިމަތި ވެދާނެ ނޭދެވޭ އަސަރަކުން ސަލާމަތް ވުމަށް އެކަށޭނެ ވަސީލަތްތަކެއް ރާއްޖޭގައި ހުރިކަމުގައި ފާހަގަ ކުރެވޭތީއެވެ. 2017 ވަނަ އަހަރު ކަނޑައަޅައިފައިވާ ކްރެޑިޓް ރޭޓިން އަށްފަހު އަލުން ރިވިއު ކޮށްފައިވަނީ މިއަހަރުއެވެ.

ސޮވްރިން ކުރެޑިޓް ރޭޓިން އަކީ ދައުލަތެއްގައި ހުންނަ ދަރަނި އަނބުރާ އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރު އަންދާޒާކުރުމަށް، އެ މަސައްކަތައް ހާއްސަ އިދާރާއަކުން ތައްޔާރު ކުރާ އެސެސްމަންޓުގެ ނަތީޖާއަށް ކިޔާ ނަމެކެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިކަމުން ފިޗް އިން ރާއްޖެއަށް ކުރާ އިތުބާރު ދައްކުވައިދޭ ކަމަށެވެ. އެގޮތުން ފިޗް އިން ވަނީ ކުރިޔަށްވުރެ ސްޓްރެޓެޖިކް އަދި ދެފުށް ފެންނަ އުސޫލަކުން ހަރަދު ކުރުމަށް ދައުލަތުން ކުރާ މަސައްކަތާއި، ބޭރު ގައުމުތަކާ އޮންނަ ގުޅުމާ، އިގްތިސޯދީ އަދި އިޖްތިމާއީ ކަންކަން ކުރި އެރުވުމަށް ކުރަމުން ދާ މަސައްކަތް ފާހަގަ ކޮށްފައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ކްރެޑިޓް ރޭޓިން ކުރިއެރުވުމަށް ރާއްޖެއަށް ކުރިމަތި ވެފައިވާ ގޮންޖެހުމެއް ކަމަށް ފިޗް އިން ފާހަގަ ކޮށްފައިވަނީ ރާއްޖޭގެ އިގްތިސޯދުގެ ބޮޑުބައި ބަރޯސާވެފައި ވަނީ ފަތުރުވެރިކަމަށް ކަމުން ފަތުރުވެރި ކަމުގެ ސިނާއަތަށް އަންނަ ލޮޅުމަކުން ދައުލަތުގެ ދަރަނި ދެއްކުމަށް އަތުވެދާނެ ގޮން ޖެހުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. ނަމަވެސް ފިޗް އިން ވަނީ ފަތުރުވެރިކަމުގެ އިތުރުން ރާއްޖޭގެ އިގްތިސޯދު ފުޅާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ފާހަގަ ކޮށްފައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން މިހާރަށްވުރެ ދަށްވިޔަ ނުދީ ދެމެހެއްޓުމަށް އަދި މިހާރަށް ވުރެ ރަނގަޅު ކުރުމަށް ސަރުކާރާ ގުޅިގެން ގައުމު ތަރައްގީ ކުރުމަށް ފަހި މާހައުލެއް ބިނާ ކުރުމަށް ސީޔާސީ ހަމަޖެހުން ދެމެހެއްޓުމާ އިގްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުމަށް ފަރުދީ ފެންވަރުގައި މަސައްކަތް ކުރުމަކީވެސް މުހިންމު ކަމެއް ކަމަށެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިން ބަލަމުން އަންނަ ދެ ކުންފުންޏަކީ މޫޑީސް އިންވެސްޓާސް ސާވިސް (މޫޑީސް) އާ ފިޗް ރޭޓިންސް (ފިޗް) އެވެ. 2016 ވަނަ އަހަރުން ފެށިގެން މޫޑީސް އިން ކްރެޑިޓް ރޭޓިން ބަލަންފަށާފައިވާ އިރު، ފިޗް އިން ކްރެޑިޓް ރޭޓިންސް ބަލަން ފަށާފައި ވަނީ 2017 ވަނަ އަހަރުންނެވެ.