ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓު ބައިކުރުމާއި އެއްބައިން އަނެއް ބަޔަށް ބަދަލުކުރުމުގެ އުސޫލަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތާއިދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ބަޖެޓް ބައިކުރުމާއި އެއް ބައިން އަނެއް ބަޔަކަށް ބަދަލުކުރުމުގެ އުސޫލު ގައިވާ ގޮތުން ސަރުކާރުގެ އޮފީސްތަކަށް ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ އިތުރަށް ހަރަދު ކުރަންޖެހިއްޖެ ނަމަ ބަޖެޓް ކޮށްފައިވާ ވަރަށް ވުރެ ފަސް އިންސައްތަ އިތުރު ނުވާ ވަރަށް ހަރަދު ކުރުމުގެ ހުއްދަ ފިނޭންސް މިނިސްޓަރަށް ދެއްވިދާނެއެވެ. އެހެން ނަމަވެސް އެއަށްވުރެ އިތުރަށް ހަރަދު ކުރަން ޖެހިއްޖެ ނަމަ އެކަން ކުރެވޭނީ ރައީސްގެ ހާއްސަ ހުއްދައިގެން ނަގައިގެން ކަމަށް މި އުސޫލުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ވަކި ހާއްސަ ކަމަކަށް ބަޖެޓް ކުރާ ފައިސާ އެހެން ކަމަކަށް ބޭނުން ނުކުރެވޭނެ ކަމަށް ވެސް މިއުސޫލުގައި ބުނެފައިވެއެވެ. މިއީ ސަރުކާރުގެ އިދާރާތަކުން ކުރާ ހަރަދުތައް ޕްލޭނާ އެއްގޮތަށް ކުރާ ހަރަދުތަކަށް ހެދުމުގެ މަގްސަދުގައި ހެދި އުސީލެކެވެ. މި އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ބަޖެޓާއެކުގައެވެ.

މި އުސޫލަށް މަރުހާބާ ދަންނަވާ އެމްއެމްއޭއިން ނެރުނު ނޫސްބަޔާނެގައި ބުނެފައިވަނީ ވޭތުވެދިޔަ ދެ އަހަރުގެ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް މިއޮތޯރިޓީއިން ފޮނުވާފައިވާ ލަފާގައި، ދައުލަތުގެ ފިސިކަލް އެޕްރޮޕްރިއޭޝަންއާ ގުޅޭ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް އެ އޮތޯރިޓީއިން ބާރު އަޅާފައިވާނެކަމަށެވެ.

އަދި މީގެ މައިގަނޑު ސަބަބަކީ، އަހަރުން އަހަރަށް ދައުލަތުގެ ރިކަރަންޓް ހަރަދުތައް އަންޑައެސްޓިމޭޓް ކުރެވި، އާމްދަނީ ލިބޭނެ މިންވަރު އޯވައެސްޓިމޭޓް ކުރެވުމުން، އަހަރުން އަހަރަށް ސަރުކާރުގެ ޑެފިސިޓް އިތުރުވަމުންދާތީ ކަމަށެވެ. އެހެންކަމުން، ޕަބްލިކް ފައިނޭންސްގެ ކަންކަން ހަރުދަނާކުރުމުގެ ގޮތުން ފާސްކޮށްފައިވާ މިންވަރަށް ވުރެ ހަރަދު އިތުރުނުކުރުމަށާއި، ވަކި ކަމަކަށް ހަރަދެއް ކަނޑައަޅާފައިވާނަމަ، އެކަމަކަށް ހަރަދުކުރުމަށްޓަކައި އަމަލުކުރާނެ އުސޫލުތަކެއް މިނިސްޓްރީ އޮފް ފިނޭންސްއިން ޝާއިއުކުރުމަކީ ދައުލަތުގެ މާލީ ކަންތައްތައް ހަރުދަނާ ކުރުމަށް އެޅިގެންދިޔަ ވަރަށް މުހިއްމު ފިޔަވަޅެއް ކަމުގައި އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.