އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާގެ އެކި ހިސާބުތަކުގައި ދިން ޓެރަރިސްޓް ހަމަލާތަކުގެ މޭސްތިރީގެ ގޮތުގައި ހަރަކާތްތެރިވެ، އަމިއްލަ މީހާގެ ހަށިގަނޑު ގޮއްވާލައިގެން އެ ހަމަލާތަކުގައި މަރުވި ޓެރަރިސްޓް ޒަހްރާން ހާޝިމާ ގުޅުން އޮތް ކަމުގެ ތުހުމަތުގައި، ސައުދީ އަރަބިއްޔާއިން ކިޔަވައިގެން ސްރީލަންކާގައި ހަރަކާތްތެރިވަމުންދިޔަ އިލްމުވެރިއަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ ސްރީލަންކާގައި ހިންގާ ސެންޓާ ފޯ އިސްލާމިކް ގައިޑަންސްގެ ބާނީ، މުޙައްމަދު އަލިޔާރުއެވެ. އުމުރުން 60 އަހަރުގެ އަލިޔާރަކީ، ޒަހްރާންގެ އުފަން އަވަށް ކަމަށްވާ ކައްޓަންކުޑީގައި އޭނާ ހިންގާ މިސްކިތާ ލައިބްރަރީ ޕްރޮމޯޓްކުރަމުންދާ މީހެކެވެ.

ސްރީލަންކާ ފުލުހުން ބުނީ ހައްޔަރުކޮށްފައިވާ އަލިޔާރަކީ ޒަހްރާންއާއި ގާތް ގުޅުންތަކެއް އޮންނަ ކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށާ، ޒަހްރާން ހިންގި އޮޕަރޭޝަނަށް ބޭނުންވާ މާލީ މުއާމަލާތްތައް ހިންގައިދީފައި ވަނީވެސް އަލިޔާރު ކަމަށެވެ.

އަލިޔާރު ހައްޔަރުކުރުމާއެކު، ސްރީލަންކާގައި ފުޅާވެފައިވާ "ސަލަފީ-ވައްހާބީ" ހަރުކަށި ފިކުރުގެ މީހުންނާ ދިމާލަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.