އައިޖީއެމްއެޗްގައި ދިރާގުން ގާއިމު ކޮށްފައިވާ ކުޑަކުދިންނަށް ހާއްސަ އިންޑޯ ޕްލޭ އޭރިޔާ އާކޮށް އަލުން ހުޅުވައިފިއެވެ.

ދިރާގުން ބުނީ، ކުޑަ ކުދިންގެ ދުވަހާއި ގުޅިގެން ޕްލޭ އޭރިއާ އާ ކޮށްފައިވާއިރު، އެތަން ވަނީ އިތުރަށް މަރާމާތުކޮށް، ކުޑަކުދިން ގަޔާވާނޭގޮތަށް ކަނޑުއަޑީގެ ހިތްގައިމު މަންޒަރު ދައްކުވައިދޭ ގޮތަށް ޒީނަތްތެރި ކޮށްފައިވާ ކަަމަށެވެ. އަދި މި ޕްލޭ އޭރިޔާގެ އެންމެ ބޮޑު އެއް މަގްސަދަކީ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ކުޑަކުދިން ގަޔާވާނެ އަދި އެ ކުދިންނަށް ހިތްހަމަޖެހުން ލިބޭނެ ފަދަ މަންޒިލެއް ހޮސްޕިޓަލުގައި ގާއިމު ވެފައި ހުރުން ކަމަށްވެސް ދިރާގުން ބުނެއެވެ.

ކުޑަކުދިންގެ ޕްލޭ އިކުއިޕްމަންޓާއި އެއްކޮށް ދިރާގުން އައިޖީއެމްއެޗް އަށް ހަދިޔާ ކޮށްފައިވާ ޕްލޭއޭރިޔާ އަކީ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ގިނަ އަދަދެއްދެ ކުދިން ބޭނުން ކުރާ ތަނެކެވެ. މި ޕްލޭ އޭރިޔާ ހުންނަނީ އައިޖީއެމްއެޗްގެ އޯޕީޑީއަށް ވަންނަ ގޭޓް ސަރަޙައްދުގައިއެވެ.

ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުޑަކުދިންނަށް ވަރަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭ އިރު، ކޮންމެ އަހަރަކު ދިރާގުން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ރޭސް، ދިރާގު މޯލްޑިވްސް ރޯޑް ރޭސް މެދުވެރިކޮށް ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ ތަފާތު ޖަމިއްޔާތަކަށް އެ ކުންފުނިން އެހީތެރިވެއެވެ.