އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ދެކުނު އޭޝިއާ ބައްރު ސިއްސުވާލި ޚަބަރަކީ ސްރީލަންކާގެ އެކި ސަރަހައްދުތަކުގައި ދިން ޓެރަރިސްޓް ހަމަލާތަކެވެ. 25 އަހަރުވީ ދާހިލީ ހަނގުރާމަ ނިންމާލިތާ 10 އަހަރުވީއިރު މިއިން ދުވަހަކުވެސް އެފަދަ ހަމަނުޖެހުންތަކެއް ސްރީލަންކާގައި ހިނގާފައިނުވާއިރު، އެހާ ކުށްލި ގޮތަކަށް އެ ވަރުގެ ވަރުގަދަ ހަމަލާތަކެއް ދެވުނީ ކިހިނެއްތޯ ކިތަންމެ ބަޔަކު ދިޔައީ ސުވާލު ކުރަމުންނެވެ.

މިހާތަނަށް ހޯދިފައިވާ ހޯދުންތަކާ، އެކި ފަރާތްތަކުން ކުރަމުންދާ ދިރާސާތަކަށް ބަލާއިރު މިފަދަ ފުރަތަމަ އިޝާރާތެއް ލިބިފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ކަމަށް ބެލެވެއެވެ. އެއީ ވިލްޕައްޓޫ ނޭޝަނަލް ޕާކު ކައިރީގައި އޮންނަ ރުށްދައްނަޑެއްގައި ފޮރުވާފައި ހުރި 100 ކިލޯގްރާމްގެ ގޮވާތަކެއްޗާ، ބޮން ގޮއްވާލުމަށް ބޭނުންކުރާ ޒާތުގެ 100 އެއްހާ ޑެޓަނޭޓަރު ފެނުނު ހިސާބެވެ. ދެން ފެނުނީ ސްރީލަންކާގައި އުޅޭ ބުދު ދީނުގެ މީހުން ބޭނުންކުރާ ބައެއް "ދީނީ" ސާމާނުތަކަށް ގެއްލުންތަކެއް ދިން މަންޒަރެވެ.

ލަންކާގެ މަގުމަތީގައި މޫނު ބުރުގާ އެޅި ދެ އަންހެނަކު ކުޑަކުއްޖެއް ގޮވައިގެން ހިނގަނީ / ފޮޓޯ: އެންޓީވީ

ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި ޖަނަވަރީ މަހު ރުށްދަނޑުން ފެނުނު ގޮވާތަކެއްޗަކީ އޭޕްރިލް މަހުގެ ހަމަލާތަކާ ވަކިކުރެވޭނެ އެއްޗިއްސެއް ނޫނެނެވެ. ވަކީން ހާއްސަކޮށްގެން ސްރީލަންކާގެ ރައްޔިތުންތަކެއް، ހައްދުފަހަނައަޅާފައިވާ އައިސިސް ޖަމާއަތާ ގުޅިގެން އުޅޭ ކަމުގެ ޚަބަރުތަކެއް އޭރުވެސް ލިބިފައި އޮތްއިރު މިފަދަ ކަމެއް މާ ބޮޑު ކަމަކަށް ނުހަދާ ދޫކޮށްލެވުމަކީ ހެދުނު އެންމެ ބޮޑު ގޯސް ކަމުގައި ގިނަ ބަޔަކު މިއަދު ދަނީ ބުނަމުންނެވެ.

އޭޕްރީލް 21 ވަނަ ދުވަހުގެ ހަމަލާތައް ދިނުމުގެ ކުރިން އެމެރިކާއާއި އިންޑިއާއިންވެސް ޖާސޫސީ މައުލޫމާތު ހޯދައިގެން ސްރީލަންކާއަށް އިންޒާރުތަކެއް ދީފައިވާއިރު ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން އެކަމާ ކުރި ކަމެއް ސާބިތުކުރެވޭކަށް ނެތެވެ. މީގެ އިތުރުން، ޖަނަވަރީ މަހުގެ ހާދިސާއާއި ގުޅިގެން ހައްޔަރުކުރި މީހުންނާ އޭޕްރިލް މަހުގެ ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ތިބި މީހުންނާ ގުޅުމެއް އޮތްކަންވެސް އާންމުންނާ ހިސާބަށް ތިލަވީ އަދިކިރިޔާއެވެ.

އާއިލީ ނެޓްވާކް

ސްރީލަންކާއަކީ ޓެރަރިސްޓުންގެ އަމާޒުފަތްގަނޑަކަށްވެފައިވާކަމުގެ ޖާސޫސީ މައުލޫމާތަށް މާ ބޮޑު ސަމާލުކަމެއް ދެވިފައި ނުވުމުގެ އެންމެ ބޮޑު އެއް ސަބަބަކަށްވީ ސްރީލަންކާގެ ސަރުކާރު ތެރޭގައި އުފެދިފައި އޮތް ހަމަނުޖެހުންތަކޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ނަމަވެސް އޭޕްރިލް 21 ވަނަ ދުވަހުގެ އޮޕަރޭޝަނަކީ ވަރަށް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިޔަ ވަރުގަދަ އޮޕަރޭޝަނެއް ކަމުގައި ގަބޫލުކުރަންޖެހެއެވެ.

އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ފުރާނަ ގެއްލުނު އެއްބަނޑު އެއްބަފާ ދެބެން/ފޮޓޯ: އާއިލާ

ތަޖުރިބާކާރުން ބުނާ ގޮތުގައި އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލާ އެ ފެންވަރުގައި ދިނުމަށްޓަކައި ރޭވުންތައް ރާވާނެތަނަކާ، ފިލާތިބޭނެ ކިއްލާތަކާ، ބޮން ހެދުމާ، އެކަމަށް ބޭނުންވާ ފައިސާއާއި އެހެނިހެންވެސް ކަންކަން ހަމަޖެއްސިގެން ދިޔަ ގޮތް ސްރީލަންކާގެ ޖާސޫސީ ރާޑަރަށް ނާރާ އޮތް ގޮތަކާ މެދުވެސް ހައިރާންނުވެނުދާނެއެވެ.

މީގެ ތެރެއިން ބައެއް ސުވާލުތަކަށް ޖަވާބު ލިބިފައިވާއިރު، ތަހުގީގު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ހައްދުފަހަނައަޅާފައިވާ ފިކުރަށް ލަންބުވާލާފައިވަނީ އާއިލާތައް ހުރި ގޮތަށެވެ. ނަތީޖާއަކަށްވީ، ޔުނިޓެއްގެ ގޮތުގައި އެކި ތަނުން ހަނގުރާމަވެރިން އެއްކުރުމުގެ ބަދަލުގައި އާއިލާގެ މެމްބަރުން ޔުނިޓެއްގެ ގޮތުގައި މަސައްކަތްކުރަމުންދިއުމެވެ.

މައްސަލައިގެ ގޮތުން މީޑިއާގައި ނަން ހާމަ ނުކުރުމަށް އެދި ވާހަކަ ދެއްކި ޓެރާ އޭޖަންޓަކު ބުނެފައިވާ ގޮތުގައި މަގުސަދާ، އަމަލު ރޭވިގެން ދިޔަ ގޮތް ބޭރުނުވެ ހިފަހައްޓާލެވިފައި އޮތް އެންމެ ބޮޑު އެއް ސަބަބަކީވެސް އާއިލީ ނެޓްވާކެއް މިކަމުގައި އޮތުމުންނެވެ.

ސްރީލަންކާއަށް ބޮމުގެ ހަމަލާތައް ދިންކަމަށް ބުނާ އައިސިސްގެ ގުރޫޕު/ފޮޓޯ: ދި އިންޑިޕެންޑެންޓް

ތަޖުރިބާކާރުން ބުނާ ގޮތުގައި މިގޮތަށް އާއިލާތަކުގެ ވިސްނުން ދޮވެލަމުން ގޮސް އާއިލާތަކުގެ މެދުގައިވެސް ނެޓްވާކެއް އެޅީއެވެ. ބެލެވޭ ގޮތުގައި މުއާމަލާތްތައް ހިންގާފައިވަނީ އެންކްރިޕްޓްކޮށްފައިވާ ސޯޝަލް މީޑިއާ މެސެޖު އެޕްލިކޭޝަންތައް ބޭނުންކޮށްގެންނެވެ. އޭޖެންޓް ބުނި ގޮތުގައި ކަމާ ބެހޭ ފަރާތްތަކުން ދަނީ މިކަމާ ގުޅޭ މަޝްވަރާތަކުގައި ބައިވެރިވެފައިވާ އިތުރު ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ޓެރާ-އޭޖެންޓެއްގެ ގޮތުގައި ކުރިން މަސައްކަތްކޮށްފައިވާ އޮފިޝަލު ވިދާޅުވި ގޮތުގައި މިފަދަ ގޮތަކަށް ރޭވިގެން ދިން ހަމަލާތަކެއް މިދިޔަ އަހަރު އިންޑޮނޭޝިއާއަށްވެސް ވަނީ އަމާޒުވެފައެވެ.

ޓެރަރިޒަމްގެ އިތުރު ރޯޅިއެއްގެ އިންޒާރު

ސްރީލަންކާ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ސްރީލަންކާއަށް ދިން ޓެރަރިޒަމްގެ ހަމަލާގެ ހަގީގީ މޭސްތިރިންނަކީ ބޮންތައް ހެދި މީހުން ކަމަށާ، އެމީހުން އަދިވެސް ހައްޔަރުކުރެވިފައި ނުވާކަމަށެވެ. އެހެންކަމުން މިފަދަ ދެވަނަ ރޯޅިއެއް އެރުން އެކަށީގެންވާކަމަށްވެސް ސްރީލަންކާގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ. ހައްދުފަހަނައަޅާފައިވާ މީހުންނާ ގުޅުން އޮންނަ ކަމަށް ބެލެވޭ 70 މީހަކު މިހާރުވެސް ވަނީ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށްފައެވެ.

އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާގައި މަރުވި ބައެއް މީހުންގެ ޖަނާޒާގެ ތެރެއިން/ފޮޓޯ: ޔޫޓިއުބް

ޒަމާނީ ހޯދުންތައް ބުނާ ގޮތުގައި އަމިއްލައަށް މަރުވެގެން ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ކޮންމެ މީހަކަށްވެސް އިތުރު 5 މީހެއްގެ އެހީ ބޭނުންވާނެއެވެ. އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލާތައް ދީފައިވަނީ 9 މީހަކު އަމިއްލައަށް މަރުވެގެން ކަމަށްވާއިރު، ކޮންމެހެން ހޯދަންޖެހޭ 45 މީހަކު އުޅޭނެކަމަށް މީޑިއާގައި ނަން ހާމަ ނުކުރުމަށް އެދި ވާހަކަދެއްކެވި އޮފިޝަލު ވިދާޅުވާއިރު، މިއީ ސްރީލަންކާގެ ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަގެ ވާހަކަފުޅާ ފުށޫއަރާ ވާހަކަތެކެވެ. ވިކްރަމަސިންހަ ވިދާޅުވާ ގޮތުގައި އޭޕްރިލް 21 ވަނަދުވަހުގެ ހަމަލާތަކާ ގުޅުންހުރި ހުރިހާ މީހުން މިހާރު ވަނީ ހައްޔަރުކުރެވިފައެވެ. ނުވަތަ އެ ހަމަލާއާއި އެ ހަމަލާތަކާ ގުޅިގެން ހިންގި ހަމަނުޖެހުންތަކުގައި މަރުވެ ގޮސްފައެވެ.

ހަމަލާތަކާ ގުޅިގެން މުސްލިމުން ރާޑަރަށް

އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލާގެ ޒިންމާ އައިސިސް ޖަމާއަތުން އުފުލުމުގެ މާ ކުރިންވެސް ތުހުމަތުގެ އިނގިލިއަމާޒުކުރަން ފެށީ މުސްލިމުންނަށެވެ. ނަމަވެސް ފާހަގަކުރަންޖެހޭކަމަކީ އައިސިސްއަކީ ހަގީގީ މުސްލިމުންގެ ޖަމާއަތެއް ނޫންކަމެވެ.

ސްރީލަންކާގެ އާބާދީއަށް ބަލާއިރު މުސްލިމުން ހިއްސާކުރަނީ އެންމެ %10 އެވެ. މިވީހާތަނަށް ބަލާއިރު ސްރީލަންކާގެ މުސްލިމު އާބާދީއަކީ އެހެން ދީންތަކުގެ މީހުންނާއެކު ގާތް ގުޅުމެއް ދަމަހައްޓަމުންދިޔަ އަދި މިހާރުވެސް ދަމަހައްޓަމުންދާ ބައެކެވެ.

ސްރީލަންކާގެ ސެއިންޓް ސާބޭޝިއަން ޗާޗުގައި ހަމަލާ ދިން ކަމަށް ތުހުމަކުރެވޭ މީހާ (މަތީގައި) އަދި ޝަންގްރިއްލާ ހޮޓެލްގައި ހަމަލާ ދިން ކަމަށް ބެލެވޭ މީހާ (ތިރީގަ)/ފޮޓޯ: ސޯޝަލް މީޑިއާ

ސްރީލަންކާގެ އިރުމަތީ އަވަށެއްކަމަށްވާ ކައްޓަންކުޑީގެ ފެޑަރޭޝަން އޮފް މޮސްކްސްގެ އޮފިޝަލެއް ކަމަށްވާ މަޒޫކު އަހުމަދު ބުނި ގޮތުގައި ހައްދުފަހަނައަޅާ ދިއުމުގެ ފިކުރު ސްރީލަންކާއަށް ތައާރަފުވާން ފެށީ މީގެ 30 އަކަށް އަހަރުކުރުންނެވެ. ނަސްލީ ހިޔާލު ތަފާތުވުންތަކެއްގެ ތެރެއިން ފެށުނު ދާހިލީ ހަނގުރާމައިގެ ނިވަލުގައެވެ. އެއީ "ވައްހާބީޒަމް"އޭ ކިއުނު ފިކުރަށް މުސްލިމުން ލަންބުވަމުންދިޔަ އޮއެވަރެއް ކަމަށާ، އެދަލުގައި ޖައްސަމުންދިޔައީ ޒުވާނުންކަމަށް މަޒޫކު ކިއާދިނެވެ. އަދި އެކަމަށް ލެނބެމުންދިޔަ ފަރާތްތަކަށް ބޭރުގެ ކޮންމެވެސް ހިސާބަކުން މާލީ އެހީތެރިކަން ލިބެމުންދިޔަކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ޒަހްރާންގެ އުފަން އަވަށްކަމަށްވާ ކަންޓަކުޑީގެ ރަށްވެހިން ތިބީ އަތުވެދާނެ ހަމަލާއަކަށް ބިރުގެންފައި/ފޮޓޯ: ބީބީސީ

ގާތްގަނޑަކަށް 47000އެއްހާ މީހުންގެ އާބާދީއެއް އޮންނަ ކައްޓަންކުޑީގައި މުޅިންހެންވެސް ދިރިއުޅެނީ މުސްލިމުންނެވެ. މުޅި އަވަށުންވެސް ފެންނަނީ ކަޅު ހެދުމާ އަބާޔާގައި ތިބޭ އަންހެނުންނެވެ. ނުވަތަ ނިގާބުގައި ތިބޭ މީހުންނެވެ. 60 މިސްކިތް މިސަރަހައްދުގައި ހުންނައިރު، ބައެއް މިސްކިތްތަކަކީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ މައުލުމާތު ފޯރުކޮށްދެމުންދާތަންތަންކަމަށް ބުނެވެއެވެ.

ސްރީލަންކާގެ ކައްޓަންކުޑީގައި ޒަހްރާން ހިންގި މިސްކިތް މިހާރު ވަނީ ބަންދުކޮށްފައި/ފޮޓޯ: ރޮއިޓާޒް

ހައްދުފަހަނައަޅާފައިވާ ހަރުކަށިފިކުރުގެ އެއޮވަރުގައި ޖެހި މުޅި ގައުމުސިއްސުވާލި މުޙައްމަދު ގާސިމް ޒަހްރާންއަކީވެސް ކައްޓަންކުޑީއަށް ނިސްބަތްވާ މީހެކެވެ. އޭޕްރިލް 21 ވަނަދުވަހުގެ ޓެރަރިސްޓް ހަމަލާތަކުގެ ހަގީގީ މޭސްތިރިއަކީ އެއީކަމަށް މިއަދު ދެބަސްވާނެ މީހަކު ނެތެވެ. އެކަމާ ހެދި މިއަދު މުޅި ކައްޓަންކުޑީ އޮތީ ބިރުވެރިކަމެއްގެ ތެރޭގައެވެ.