ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތައް މިއަދާއި މާދަމާ މެދުކަނޑާލައިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހައްޖު ކޯޕަރޭޝަންގެ ހެޑް އޮފް ހައްޖު އޮޕަރޭޝަންސް އަހުމަދު އަސްލަމް އަބްދުﷲ ވިދާޅުވީ އެ އޮފީހުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލަން ޖެހުނީ އެ އޮފީސް ހިންގަމުންދާ އިމާރާތް ކަމަށްވާ މޫކައި ސުއިޓްސްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ އޮފީހަށް ކަރަންޓުގެ ހިދުމަތް ނުލިބޭތީ ކަމަށެވެ.
އަސްލަމް ވިދާޅުވީ މޫކައިގައި އަލިފާން ރޯވީ އެތަނުގެ ކޭބަލްތަކުގައި ކަމަށްވާތީ ހައްޖު ކޯޕަރޭޝަންގެ އޮފީހަށް ކަރަންޓް ލިބުމުގައި ދަތިތައް ދިމާވެ، މުވާސަލަތީ ހިދުމަތްތައްވެސް މެދުކެނޑިފައިވާ ކަމަށެވެ. މިހާރު ސްޓެލްކޯއިން އެ އިމާރާތުގެ ކަރަންޓު އިންސްޕެކްޓް ކުރަމުންދާ ކަމަށާއި ކަރަންޓުގެ މަސައްކަތް ނިމި ސްޓެލްކޯއިން އަންގަންދެން ހައްޖު ކޯޕަރޭޝަންގެ މަސައްކަތްތައް މަޑުޖައްސާލައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަދާ މާދަމާއާ ދެ ދުވަސް ބަންދުވާނެ. ހަފްތާ ބަންދާ ދިމާކޮށް އަންނަ އާދިއްތަ ދުވަހު އޮފީހުގެ މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށް މި ބަލަނީ" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތައް އާންމުންނަށް ދެން ލިބެން ފަށާނީ އަންނަ އާދިއްތަ ދުވަހު ކަމަށެވެ. މި ދުވަސްވަރަކީ އުމުރާ އަދި ހައްޖު ދަތުރުތަކަށް ރަޖިސްޓްރީވުމަށް އެ އޮފީހުގެ ހިދުމަތް ހޯދަމުންދާ ދުވަސްވަރަކަށް ވެފައި މި ދެ ދުވަހު ހިދުމަތް ނުދޭވޭތީ ދިމާވާ ދަތިތަކަށް އާންމު ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށްވެސް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
މޫކައި ސުއިޓްސްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެއެވެ.