އުރީދޫ މޯލްޑިވްސް އިން އަންނަ މަހު އައްޑޫގައި ބާއްވާ ކަލާ ރަންގެ އިވެންޓް އޯގަނައިޒިންގް ޕާޓްނާއެއްގެ ގޮތުގައި ޔުނިކްސް ސްޕޯޓިންގް ހަމަޖައްސައިފިއެވެ.

ދިވެހިންގެ ތެރޭގައި މަގްބޫލުކަން ހޯދާފައިވާ އުރީދޫ ކަލާ ރަން ދުވުމުގައި ރިކޯޑު އަދަދެއްގެ ދުވުންތެރިން ބައިވެރިވާ ކަން ފާހަގަކޮށްލެވެއެވެ. މިި ދުވުމުގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވައި ދޭ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އުރީދޫން ބުނެއެވެ.

މި ދުވުމުގައި 6 އަހަރުން މަތީގެ ފަރާތްތަކަށް ބައިވެރި ވެވޭނެއެވެ. 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް މަޖާވާނެ އިވެންޓެއް ކަމަށް އުރީދޫން ބުނެއެވެ. އުރީދޫ ކަލާ ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ.

މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި އަދި ދުވެފައި ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ. މި ހަރަކާތް އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި، ބައިވެރިންގެ ތެރެއިން އެންމެ ފޯރިގަދަ ދުވުންތެރިޔާ އަދި އެންމެ ސަޅި ކޮސްޓިއުމް ހޮވާ، ހާއްސަ އިނާމުތަކެއް ދޭނެ ކަމަށްވެސް އުރީދޫން ވަނީ ބުނެފައެވެ.