ރާއްޖޭގެ ދިފާއީ ބާރުތަކުގެ ހުނަރުވެރިކަން އިތުރު ކުރެވޭނެ ގޮތްތައް ދެނެގަތުމަށް އެބާރުތަކުގެ ޓީމެއް އިނގިރޭސި ވިލާތަށް ހިނގައްޖެއެވެ.

މި ވަފްދުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ނޭޝަނަލް ކައުންޓާ ޓޫރިޒަމް ސެންޓާ (އެންސީޓީސީ)، ޑިޒާސްޓާ މެނޭޖްމެންޓް، މޯލްޑިވްސް ޕޮލިސް ސާވިސަސް (އެމްޕީއެސް)ގެ އިތުރުން ހެލްތް މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީ ވެސް ބައިވެރިވާނެއެވެ.

ސަލާމަތީ ބާރުތަކުގެ އިސް އޮފިޝަލުންގެ މި ދަތުރުގައި ނުރައްކާތެރި ހާދިސާތަކުގައި ގުޅިގެން މަސައްކަތް ކުރާނެ ގޮތްތަކާ މެދު މައުލޫމާތު ބަދަލުކޮށް، ދެފަރާތުގެ ތަޖުރިބާ ހިއްސާ ކުރާނެއެވެ. އަދި ރާއްޖޭގައި ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ފަދަ ދަނޑިވަޅުތަކުގައި ކަމާ ބެހޭ ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރާނެ ގޮތްތައް ރޭވުމުގެ ހުނަރުތައް ލިބިގަތުންވެސް ހިމެނެއެވެ.

ޕޮލިސް ކޮމިޝަނާ މި ދަތުރުފުޅަށް ފުރާ ވަޑައިގެންނެވި އިރު، މިއަދު އެމްއެންޑީއެފް އާއި އެމްޕީއެސް ގުޅިގެން ބާއްވާ ސިފައިން ތަމްރީނު ކުރުމުގެ ހަރަކާތެއް ދަނީ ބާއްވަމުންނެވެ. އެގޮތުން މި ހަރަކާތުގައި ހަތިޔާރާއި ގޮވާ ތަކެތި ބޭނުން ކޮށްގެން ބާއްވާ ސިފައިންގެ ތަމްރީނުތައް މާލެ، ވިލިމާލެ އަދި ހުޅުމާލެ ސަރަހައްދުގައި ދަނީ ކުރިއަށްދަމުންނެވެ.

މިއަދު ހެނދުނު އަށަކުން ފެށިގެން މި ތަމްރީނުތައް ކުރިއަށް ދާނީ ހަވީރު ފަހަކާއި ހަމަ އަށެވެ. މި ތަމްރީނު ތަކުގައި ސިފައިން ހަތިޔާރާއި އެކު ހަރަކާތްތެރިވެ، ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރާނެއެވެ.

އަވައްޓެރި ސްރީ ލަންކާއަށް މިދިޔަ މަހު 21 ގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު، ރާއްޖޭގެ ސަލާމަތީ ކަންކަން ދަނީ އިތުރަށް ވަރުގަދަ ކުރަމުންނެވެ.