ރޯދައަށް ގެންނަ ހާފިޒުންނަށް ވިސާ ލިބުމުގައި ގިނަ ދުވަސް ވަމުން ދިއުމުން ކައުންސިލްތަކުގެ ޝަކުވާ ގިނަ ވެއްޖެއެވެ.

ކައުންސިލްތަކުން ބުނަނީ ކޮންމެ ރަމަޟާން މަހަކާ ގުޅިގެން ވެސް ގިނަ ރަށްތަކަކުން ތަރާވީސް ނަމާދަށް ހާފިޒުން ގެންނަ ކަމަށާ، މިކަމަށް ބޮޑު ހޭދައެއް ކުރުމަށް ފަހު ހާފިޒުން ނުގެނެވުމަކީ ބޮޑު ގެއްލުމެއް ކަމަށެވެ. ކައުންސިލްތަކުން ބުނެފައި ވަނީ ފުރިހަމަ ކުރަން ޖެހޭ ހުރިހާ ލިޔެކިޔުންތަކެއް އިމިގްރޭޝަނަށް ހުށަހެޅި ނަމަވެސް ވިސާ ލިބުމުގައި ލަސްތަކެއް ވަމުން ދާކަމަށެވެ.

"އިމިގްރޭޝަނުން ބުނެފައި އޮތީ މީހުން އައުމުގެ 5 ދުވަސް ކުރިން ހުށަހަޅަން. އެގޮތަށް އެކަން ކުރަމުން މިދަނީ، އެކަމަކުވެސް އަދި ވިސާ ހަމަ ނުޖެހޭ" ނަން ނުޖެހުމަށް ޝަތުރުކޮށް 'ދަ ޕްރެސް' އަށް މައުލޫމާތު ދިން ކައުންސިލެއްގެ މެންބަރަކު ބުންޏެވެ.

އަދި ބައެއް ފަހަރަށް ހާފިޒުން ގެންނަ އިރު ވިސާ ހަމަޖެހިފައި ނެތުމުން ގެންނަ ހާފިޒުން އަނބުރާ ގައުމަށް ފޮނުވާލަމުން ދާކަމަށާ، މިކަމުގެ ސަބަބުން ކައުންސިލްތަކަށް ގެއްލުންވާ ކަމަށް އެފަރާތްތަކުން ބުނެއެވެ.

"ބައެއް މީހުން ގެނައުމަށް 30 ހާސް ރުފިޔަ ވަރު ހަރަދު އެބަ ކުރަން. ލާރިއާ އެއްޗެހި ދައްކާފަ މިހުންނަނީ، ޓިކެޓެވެސް ބައެއް ފަހަރު ނަގާ، އެކޮމަޑޭޝަނާ ކަންކަން ހަމަ ޖައްސާފަ، ވިސާ ނުލިބި ނުވަތަ ކެންސަލް ވީމާ ވަރަށް ބޮޑު ގެއްލުމެއް މިވަނީ" ކައުންސިލް މެންބަރު ބުންޏެވެ.

ކައުންސިލް މެންބަރު އިތުރަށް ބުނީ ރާއްޖެ ގެންނަ ހާފިޒުން ތިބެނީ ކައުންސިލްގެ ބެލުމުގެ ދަށުގައި ކަމަށާ، ކާނީވެސް ބޯނީވޭސް އަދި ނިދާނީވެސް ކައުންސިލުން ދައްކާ ތަނެއްގައި ކަމަށް ވުމުން އެ ހާފިޒުންގެ ހުރިހާ ކަމެއްގެ ޒިންމާ އުފުލާ ފަރާތަކީ ކައުންސިލްތައް ކަމަށެވެ.

އިމިގްރޭޝަނުން ބުނީ ސްރީލަންކާގައި ހިނގައި ދިޔަ ހާދިސާގެ ސަބަބުން ރާއްޖޭގެ ބޯޑާ ސެކިއުރިޓީ ވަނީ ކުރިޔަށް ވުރެ ވަރުގަދަ ކުރެވިފައި ކަމަށެވެ. ސްޕެޝަލް ވިސާ އަދި ބިޒްނެސް ވިސާ ގައި ރާއްޖެ އައުމަށް ހުށަހަޅާ ފަރާތްތަކަށް ވެސް ވިސާ އެޕްރޫވަލް ދިނުމުގައި ސަލާމަތީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުންވެސް ބަލަން ޖެހޭ ކަންކަން ބަލާނޭ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އަދި އެގޮތަށް އެޕްރޫވަލް ދިނުމުގައި އާންމުކޮށް ދެ ދުވަހުގެ މުއްދަތެއް ނެގިކަމުގައި ވިޔަސް، މިހާރު އެއަށްވުރެ ދިގު މުއްދަތެއް ނެގުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އެހެން ކަމުން ވިސާ އެޕްރޫވަލް ނުލިބެނީސް އެއްވެސް ފަރާތަކުން ރާއްޖެއަށް ނައުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިކަމަކީ އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށް އަޅަމުންދާ ފިޔަވަޅެއް ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ރާއްޖޭގެ ބޯޑާ ސެކިއުރިޓީ ކުރިޔަށް ވުރެ ވަރުގަދަ ކޮށްފައި ވަނީ މިދިޔަ މަހު 21 ވަނަ ދުވަހު އަވައްޓެރި ލަންކާއަށް ބަޔަކު ދިން ބޮމުގެ ހަމަލާތަކަކާ ގުޅިގެންނެވެ. އެހެން ކަމުން ހުރިހާ ފަރާތްތަކަކުންވެސް އިމިގްރޭޝަނާ ރާއްޖޭގެ އެހެނިހެން ވުޒާރާތަކުން ކުރަމުންދާ މަސަތަކަތަށް އެއްބާރުލުން ދިނުމަށް އެފަރާތްތަކުން އިލްތިމާސް ކުރެއެވެ.