ރޯދަމަހުގެ ހަނދު މިއަދު އިރުއޮއްސުމަށްފަހު އެއްވެސް މުސްލިމް ގައުމަކަށް ނުފެންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރޯދަމަހުގެ ހަނދު ބެލުން މިއަދު ހަވީރު ކުރިޔަށް ގެންދާގޮތަށް ހަމަޖެހިފައިވާ އިރު މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި ރޯދަމަހުގެ ހަނދު އެއްވެސް މުސްލިމް ގައުމަކަށް ނުފެންނާނެ ކަމަށެވެ. އެހެންކަމުން މި އަހަރުގެ ރޯދަމަހުގެ އެއްވަނަ ދުވަހަށް ވާނީ އަންނަ ހޯމަ ދުވަސް ކަމަށް މައުމޫން ވިދާޅުވިއެވެ.

ރޯދަމަހުގެ ހަނދު ބެލުން މިއަދު އޮންނާނެތީ ރާއްޖޭގެ ރަށްރަށުގައި މެޖިސްޓްރޭޓް ކޯޓުތަކާއި ޑީޖީއޭގެ އިދާރާތައް ހަވީރު 5:30 އިން ފެށިގެން ހުޅުވާފައި ހުންނާނެ ކަމަށާއި ރޯދަ މަހުގެ ހަނދުގެ މައްސަލަ ވަކި ގޮތަކަށް ނިމުމާއި ހަމައަށް ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓާއި އެ ޑިޕާޓްމަންޓުގެ އިދާރާގެ އިތުރުން ކައުންސިލާއި އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ބުނެފައެވެ.