ނިޒާމީ ގޮތެއްގައި ބޭއިންސާފުވެރިވާ ނަމަ އިސްލާހަށް ގޮވާލުމަކީ ނުފޫޒު ފޯރުވުން ނޫން ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ ވިދާޅުވީ، ހުކުމަކާ ނުރުހޭ ކޮންމެ ފަހަރަކު އެ ސަބަބަކާ ހުރެ ފަނޑިޔާރު ވަކި ކުރަން ގޮވުމަކީ ނުފޫޒު ފޯރުވަން އުޅުން ކަމަށް ވެދާނެ ކަމަށެވެ. ނަމަވެސް، ފަސާދައިން ކިލަނބުވެފައިވާ ނަމަ ނުވަތަ ނިޒާމީ ގޮތެއްގައި ބޭއިންސާފު ވެރިވާ ނަމަ އިސްލާހަށް ގޮވާލުމަކީ ނުފޫޒު ފޯރުވުން ނޫންކަމަށެވެ.

ދިޔާނާ މިހެން ވިދާޅުވީ ވަކި ފަނޑިޔާރުންތަކެއް ވަކިކުރަން ޖެހޭ ކަމަށް ބުނެ ވާހަކަ ދެއްކުމަކީ ފަނޑިޔާރުންނަށް ބިރު ދައްކައި، ނުފޫޒު ފޯރުވުން ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނުމާ ގުޅިގެންނެވެ.

އެގޮތުން، ފަނޑިޔާރަކު ވަކި ކުރެވޭނީ ގާނޫނީ ގޮތުން ވަކި އިޖްރާއާތެއް ފުރިހަމަކޮށް، ވަކި އުސޫލުތަކެއްގެ ތެރެއިން ކަމަށާއި އެފަދަ ކަމެއް ދިމާ ނުވަނީސް، ފަނޑިޔާރުންތަކެއް ވަކި ކުރަންޖެހޭ ކަމަށް ބުނުމަކީ ނުފޫޒު ފޯރުވައި، ބިރު ދެއްކުން ކަމަށް ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދު ވިދާޅުވެފައި ވެއެވެ.

"އެ ޑިއު ޕްރޮސެއް އޮތްތާ އޮށްވައި އޭގެ ބޭރުން، މިވެނި ފަނޑިޔާރަކު ހުރެގެން ނުވާނެއޭ. މިވެނި ފަނޑިޔާރަކު ވަކި ކުރަން ޖެހެނެއޭ. މިވެނި ފަނޑިޔާރަކު ހައްޔަރު ކުރަން ޖެހޭނެއޭ. އެވެނި ފަނޑިޔާރަކު ޖަލަށް ލާން ޖެހެނެއޭ" މިފަދަ އިން ވާހަކަ ދެއްކުމަކީ ފަނޑިޔާރުންނަށާއި ފަނޑިޔާރު ގެއަށް ބިރު ދެއްކުމާއި ނުފޫޒު ފޯރުވުން އަދި ވަކި ގޮތަކަށް ފަނޑިޔާރުގެ ބައްޓަން ކުރުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށް މާޖިދު ވިދާޅުވިއެވެ. މާޖިދު ވިދާޅުވީ މިއީ ތަހުޒީބީ މުޖްތަމައެއްގައި އެއްވެސް މީހަކު ބަލައިގަންނާނެ ކަންތައްތަކެއް ނޫން ކަމަށެވެ.