ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އާ ދިރާގާއި ގުޅިގެން ދިރާގުން ޑްރޯންސް ފޯ ރެޒިލިއަންސްގެ ނަމުގައި ޕްރޮޖެކްޓެއް ފަށަން ތައްޔާރުވެއްޖެއެވެ.
މި ޕްރޮޖެކްޓުގެ ދަށުން ދިރާގުން ނިންމާފައިވަނީ ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ ރަށްރަށުގެ ޑިޒާސްޓާ ރިސްކް އެސެސްމެންޓެއް ހެދުމަށެވެ. މި ޕްރޮޖެކްޓުގެ ބޭނުމަކީ ޑިޒާސްޓާ ރިސްކްތައް މަދުކުރުން އަދި ޑްރޯން ޓެކްނޮލޮޖީ ބޭނުންކޮށްގެން ކާރިސާތައް ދިމާވާ ހާލަތްތަކުގައި ތައްޔާރުވާނެ ގޮތްތައް ކަނޑައެޅުން ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނީ ރާއްޖޭގެ ހަތަރު ރަށެއްގެ ޗާޓް ތަފްސީލާއެކު ކުރެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ދިރާގުން ބުނީ މި ޕްރޮޖެކްޓުގެ އެއް ބޭނުމަކީ ޑިޒާސްޓާ ރިސްކްތައް މަދުކުރުމަށް ދިވެހި ސަރުކާރަށް ގާނޫނު ތަންފީޒުކުރުމުގައި އެހީތެރިވެދިމުގެ އިތުރުން ނުރައްކާތެރި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ކަނޑައަޅުން އަދި މުޖުތަމައުގައި ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ. އަދި މި ޕްރޮޖެކްޓު ދަށުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް ވެސް ދިރާގުން ބުނެއެވެ.
ދިރާގުން މޫސުމީ ބަދަލުތަކަށް ފިޔަވަޅު އެޅުމުގެ ލަނޑުދަނޑީގެ ދަށުން ޑްރޯންސް ފޯ ރެޒިލިއަންސްގެ އިތުރުން އަދި އެއް ޕްރޮޖެކްޓް ފެށުމަށް ވަނީ ނިންމާފައެވެ. އެގޮތުން ދިރާގުން ދެން ފެށުމަށް ނިންމާފައިވަނީ ފިލްމު ފޯ ޗޭންޖްގެ ނަމުން ނަންދީފައިވާ ޕްރޮޖެކްޓެކެވެ.
މި ޕްރޮޖެކްޓްގެ ބޭނުމަކީ މޯބައިލް ފޯނު ފަދަ ޓެކްނޮލޮޖީ ޑިވައިސްތައް ބޭނުންކޮށް ޑޮކިއުމެންޓްރީ ފާޑުގެ ކުރު ފިލްމުތައް އުފެއްދުން ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނީ މި ޕްރޮޖެކްޓްގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ޒުވާނުން ބާރުވެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ރާވާފައިވާ ކަމަށެވެ. އެގޮތުން ރަސްމީގޮތެއްގައި ފިލްމް ފޯ ޗޭންޖް ޕްރޮޖެކްޓް އިފްތިތާހުކުރުމަށް މި އަހަރު ބާއްވާ ފިލްމު ފެސްޓިވަލެއްގައި ހަމަޖެހިފައިވާ އިރު މި މި ޕްރޮޖެކްޓުން އުފައްދާ ފިލްމުތައް ސޯޝަލް މީޑިއާއާއި އެހެނިހެން ޕްލެޓްފޯމުތަކުގައި އާންމުކުރާނެ ކަމަށް ދިރާގުން ބުނެއެވެ.
ޔޫއެންޑީޕީ ރާއްޖޭގައި ހަރަކާތްތެރިވާތާ މިހާރު 40 އަށް ވުރެ ގިން އަހަރު ވެދާނެއެވެ. މި މުއްދަތުގައި ޔޫއެންޑީޕީއާ ދިރާގާއި ގުޅިގެން ޒުވާނުންނަށް ހާއްސަ ކޮށްގެން އެކި އެކި ހަރަކާތްތައް ބާއްވާފައިވެއެވެ. އެގޮތުން ބައެއް ހަރަކާތްތަކަށް ބަލާއިރު، 2017 ވަނަ އަހަރު ބޭއްވި ސްޓާޓް އަޕް ވީކްއެންޑް މޯލްޑިވްސް، އަދި 2018 ވަނަ އަހަރު ބޭއްވި ޔޫތް ލީޑާޝިޕް ޕްރޮގްރާމްގެ އިތުރުން 2017 އަދި 2018 ވަނަ އަހަރު ބޭއްވި ފިލްމް ފޯ ޗޭންޖް ފަހަގަ ކޮށްލެވެއެވެ.