މަމެން އިންޓަސްކޫލް ބައިކް ޗެމްޕިއަންޝިޕް ވަރަށް ކުލަގަދަކޮށް ބާއްވައިފިއެވެ.

ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ރާއްޖޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން ހުޅުމާލޭ ބައިކް ޓްރެކްގައި މިދިޔަ ހަފްތަގެ ހުކުރ އަދި ހޮނިހިރު ދުވަހު" މަމެން އިންޓަ ސްކޫލް ބައިކް ޗެމްޕިއަންޝިޕް" ބާއްވައިފިއެވެ. މިއީ ދިރާގާއެކު ބައިކް މޯލްޑިވްސް ގުޅިގެން މިމުބާރާތް ބާއްވާ ދެވަނަ އަހަރެވެ.

މި މުބާރާތުގައި މިފަހަރުވެސް ތަފާތު 25 ރޭހެއް، ތިން އުމުރުފުރާގެ މެދުގައި ކުރިއަށްދިޔައެވެ. އެއީ 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އުމުރުފުރާއެވެ. ކޮންމެ އުމުރުފުރާއެއްގައި ވެސް އަންހެން އަދި ފިރިހެން ބައި ކުރިއަށްދިޔައީ ވަކިވަކިންނެވެ. މީގެ އިތުރުން 12 އަހަރުން ދަށުގެ އުމުރު ފުރާއަށް ހާއްސަ ކޮށްގެން "ފަން ރައިޑް" ގެނަމުގައި ހާއްސަ ބައިސްކަލު ރޭހެއްވެސް ވަނީ ބާއްވާފައިއެވެ.

މިއައަހަރުގެ މުބާރާތުގައި 16 ސްކޫލަކުން 515 ކުދިން ވަނީ ބައިވެރިވެފައިވާއިރު ދެ އުމުރުފުރާ އެއްކޮށް އެއްވަނަ އަށް ގޮސްފައިވާ ސްކޫލަކީ ހިރިޔާ ސްކޫލެވެ، ދެ ވަނަ އަށް ގޮސްފައިވަނީ ޢާޒީ ސްކޫލް އަދި ތިން ވަނަ އަށް ގޮސްފައިވަނީ ހުރަވީ ސްކޫލެވެ.

މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން ވަނީ ބައިވެރިވެ ވަޑައިގެންފައިއެވެ. ބައިސްކަލް ދުއްވުމަކީ ތިމާވެއްޓަށް ފައިދާ ހުރި ކަމަށްވެފައި ދިވެހިރާއްޖެއަށް އެކަށީގެންވާ ކަމެއްކެވެ. ދިރާގުގެ އަމާޒަކީ ބައިކް މޯލްޑިވްސްއާއި ގުޅިގެން މިފަދަ ތިމާވެއްޓާ ރައްޓެހި އަދި ދުޅަހެޔޮ އާދަތައް ސްކޫލް ދަރިވަރުން އަށަގެންނެވުމަށް ބާރުއެޅުމެވެ.