ޝަރުއީ ދާއިރާ އިސްލާހުކުރުމަށް މަގުޗާޓެއް ހެދިޔަސް ސުޕްެރީމް ކޯޓުން ކަންކުރާނީ ހިތު ހުރި ގޮތަކަށް ކަމަށް ވިދާޅުވެ، އެ ކޯޓަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ފާޑު ވިދާޅުވެއްޖެއެވެ.

ފުއާދު ސުޕްރީމް ކޯޓަށާއި، ޖުޑިޝަރީއަށް ފާޑުވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުން އިސްނަގައިގެން ޖުޑިޝަރީ އިސްލާހު ކުުރުމަށް މަގުޗާޓެއް އެކުލަވާލައި ރޭ އިފްތިތާހު ކުރުމުގެ ވާހަކަ ފާހަގަކުރައްވަމުން ކުރިން އޭނާގެ މައްޗަށް ކޮށްފައިވާ ސުމޯޓޯ މައްސަލައިގެ ހުކުމާއި ގުޅިގެންނެވެ.

20 ކަމެއްގެ މައްޗަށް ހިމެނޭ ގޮތަށް ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށް، ޝަރުއީ ދާއިރާ އިސްލާހުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް އެކުލަވައިލައިފައިވާ "ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް، ފަނޑިޔާރުގެ އިސްލާހުުރުމުގެ މަގުޗާޓު 2019-2023" އިފްތިތާހުކޮށްފައިވަނީ ރޭގައެވެ.

ސުޕްރީމް ކޯޓަށް ފާޑުވިދާޅުވެ ފުއާދު ޓްވީޓް ކުރައްވާފައިވަނީ އޭނާއަށާއި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހުމަދު ފަޔާޒު ހަަސަނަށް ކުރި ސުމޯޓޯ ހުކުމް ރިވިއުކޮށް ދެއްވުމަށް ދެންނެވުމުން، ސުމޯޓޯ މައްސަލައިގައި މުރާޖާ ކުރަން ޖެހޭ ފަދަ ގާނުނީ ސަބަބެއް ނެތް ކަމަށާއި، އެ މައްސަލަ މުރާޖާ ކޮށްދެއްވެން ނެތް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވާ ކަމަށް ވިދާޅުވުމުންނެވެ.

ފުއާދު ވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެ ވިދާޅުވަނީ ކޮން މަގުޗާޓެއްގެ ވާހަކަތޯ ސުވާލު އުފައްދަވާ ޗާޓެއް ހެއްދެވިޔަސް އެ ބޭފުޅުން ކަންތައް ކުރައްވާނީ ހިތަށް އެރިގޮތަކަށް ކަމަށް ވިދާޅުވެފައެވެ.

ސުމޯޓޯ މައްސަލައަކީ 2014 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ނިންމުމަށް ފާޑުކިޔާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ޗެލެންޖުކޮށްފައިވާ މައްސަލައިގައި އެ ކޮމިޝަންގެ މެންބަރުންގެ މައްސަލަ ސުޕްރީމް ކޯޓު އިސްވެ ބެލި މައްސަލައެވެ.