މިިދިޔަ ހަފްތާގެ އާދީއްތަ ދުވަހު އަވަށްޓެރި ސްރީލަންކާގެ އެކި ހިސާބުތަކުގައި ބޮން ގޮއްވާލައިގެން ދިން ޓްރަރިސްޓް ހަމަލާތަކުގައި ޗައިނާގެ ހަތަރު ސައިންޓިސްޓުން މަރުވި ކަމަށް އެގައުމުގެ ދުވަހު ނޫހެއްކަމަށްވާ ޗައިނާ ޑެއިލީން ރިޕޯޓް ކޮށްފިއެވެ.

250 އަށްވުރެ ގިނަ މީހުން މަރުވި މި ހާދިސާގައި ޗައިނާގެ ހަތަރު ސައިންޓިސްޓުން މަރުވިކަމަށް ލަންކާގައި ހުންނަ ޗައިނާގެ އެމްސަބީން ވެސް ވަނީ ބުނެފައެވެ. އެ އެމްބަސީން ބުނެފައިވަނީ މަރުވި ހަތަރު ސައިންޓިސްޓުންނަކީ ޗައިނީސް އެކަޑަމީ އޮފް ސައިންސްގައި މަސައްކަތް ކުރާ ސައިންޓިސްޓުންތަކެއް ކަމަށާއި، އެމީހުން ލަންކާއަށް ދިޔައީ ދިރާސާތަކެއް ހެދުމަށް އެޕްރީލް މަހުގެ ތެރޭގައި ކަމަށެވެ.

މަރުވި ހަތަރު ޗައިނާ ސައިންޓިސްޓުންގެ ހަށިގަނޑު ފެނި އެމީހުންގެ އާއިލާއިން އެއީ އެމީހުންކަށް ޔަގީންކޮށްދީފައިވާ ކަމަށެވެ. މަރުވި ހަތަރު ސައިންޓިސްޓުންގެ އިތުރުން، ޗައިނީސް އެކަޑަމީގައި މަސައްކަތްކުރާ އިތުރު ފަސް މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ޗައިނާގެ ދުވަހު ނޫހުން ބުނެއެވެ. އަދި މި މީހުން ފަރުވާއަށް އެނބުރި ޗައިނާއަށް ގޮސްފައިވާކަމަށް ޗައިނާ ޑެއިލީ ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ.

ޗައިނާ އެމްބަސީން ވަނީ ލަންކާގެ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ލަންކާއަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބުނެފައެވެ. މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ލަންކާގެ ބައެއް ހޮޓާތަކާއި މީހުން ދިރިއުޅޭ ތަންތަން އަދި ފައްޅި ތަކުގައި ބޮން ގޮއްވާލި ޓެރަރިސްޓް ހަމަލާގައި 42 ބިދޭސީން މަރުވެފައިވެއެވެ. މި ހަމަލާގެ ޒިންމާ ހަނގުރާމަވެރި ހަރުކަށި އައިއެސް ޖަމާއަތުން ވަނީ ނަގާފައެވެ.