ސްރީލަންކާއަށް އިތުރު ހަމަލާތަކެއް އަމާޒުވުމުގެ ނުރައްކާ އެބައޮތް ކަމަށް ބުނާ ޖާސޫސީ މައުލޫމާތު ލިބިފައިވާކަމަށް ސްރީލަންކާގެ ސިއްހަތާ ބެހޭ ވަޒީރު ރަޖީތާ ސެނެރަތުނަ ވަނީ ވިދާޅުވެފައެވެ. މިކަމާ ބެހޭ މައުލޫމާތު އިތުރު 7 ވަޒީރަކަށް ލިބިފައިވާކަމަށާ، މި ހަމަލާއެއް ދިނުމަށް ރާވަމުންދަނީ، އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާގެ އެކި ހިސާބުތަކުގައި ބޮމުގެ ހަމަލާތައް ދިން މީހުން ކަމަށްވެސް ސެނެރަތުނަ ވަނީ ވިދާޅުވެފައެވެ.

ސެނެރަތުނަ ވިދާޅުވީ ލިބިފައިވާ ޖާސޫސީ މައުލޫމާތަށް ބަލާއިރު ހަމަލާ އަމާޒުކޮށްފައިވަނީ ސީދާ ވަޒީރުންނަށް ކަމަށެވެ. އަދި މި ހަމަލާތައްވެސް ދޭން ގަސްތު ކޮށްފައި އޮތީ ބަޔަކު އަމިއްލައަށް މަރުވެގެން ކަމަށްވެސް ސެނެރަތުނަ ވަނި ވިދާޅުވެފައެވެ.

ސެނެރަތުނަ ވިދާޅުވީ ޓެރަރިސްޓް ހަމަލާތަކެއްގެ އަމާޒަކަށް އޭނާ ވެފައިވާކަމަށް ޖާސޫސީ އޮފިޝަލުން ވިދާޅުވި ކަމަށާ، އާދީއްތަ ދުވަހާ ހޯމަ ދުވަހު ގޭގައި މަޑުކުރައްވަން އިރުޝާދު ދެއްވާފައިވާކަމަށެވެ.

އިތުރު ހަމަލާތަކެއް ނުރައްކާ އޮތް ނަމަވެސް ނަސޯރާ ދީނުގެ މީހުން ކޮންމެ އާދީއްތަ ދުވަހަކު ޗާޗަށް ދާ ބީދައިން، އަންނަ ހަފުތާއިން ފެށިގެން ޗާޗުގެ އަޅުކަން ފެށޭނެކަމަށް ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.