މިއަދު މެންދުރު ފުލުހުންނާ ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 3 މިލިއަން ރުފިޔާގެ ކޮކޭން ރާއްޖެ އައި މީހެއްގެ އަތުން އަތުލައިފިއެވެ. ފުލުހުން ބުނީ 1.1 ކިލޯގެ ކޮކޭންއާ އެކު އެމީހާ އަތުލީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.

ފުލުހުން މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ހާމަ ކުރި އިރު އެމީހާގެ ގައުމާ، އެހެނިހެން މައުލޫމާތު ހާމަ އެއް ނުކުރެއެވެ.

ފުލުހުން 3 ދުވަސް ވާންދެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އިއްޔެ 150 ކިލޯގެ މަސްތުވާތަކެތިވެސް ހޯދާފައި ވެއެވެ. މޫނުމަތީ އަގު 260 މިލިއަން ރުފިޔާއަށް އަރާ އެތަކެތި ފުލުހުން ހޯދީ ގދ އަތޮޅު ފަޅުރަށެއްގައި ވަޅުލާފައި ހުއްޓައެވެ.

ރާއްޖެއަށް މަސްތުވަތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ކެނޑި ނޭޅި މަސައްކަތް ކުރަމުން ދާ އިރުވެސް، ބޮޑެތި އަދަދުތަކުން ރާއްޖެއަށް މިތަކެތި އެތެރެ ކުރުން ނުހުއްޓުވޭކަމީ ކަމާ ގުޅުން ހުރި އިދާރާތަކަށް އާންމުންގެ ފާޑު ކިޔުން އަމާޒުވެފައިވާ ކަމެކެވެ.