ބަރަކާތްތެރި ރަމަޟާން މަސް ފެށެން ހަފުތާއެއްހާ ދުވަހަށް ވެފައިވާއިރު، ރަމަޟާން މަހުގެ ކުރިންވެސް ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިންގެ ހަމަލާތަކެއް ސްރީލަންކާއަށް އަމާޒުވެދާނެ ކަމަށް ބުނާ ޖާސޫސީ މައުލުމާތާތުކެއް ލިބުމާއެކު ސްރީލަންކާއިން ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަކޮށްފިއެވެ.
ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށާ އެނޫންވެސް އިސް އޮފިޝަލުންނަށް އެޑްރެސްކުރައްވާ، ސްރީލަންކާ ފުލުހުންގެ މިނިސްޓީރިއަލް ސެކިއުރިޓީ ޑިވިޝަންގެ އިސް ވެރިއަކު ލިޔުއްވާފައިވާ ސިޓީފުޅަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މި ހަމަލާތައް ދޭނެ ކަމަށް ލަފާކޮށްފައި އޮތީ އާދީއްތަ ނުވަތަ ހޯމަ ދުވަހުއެވެ. އަދި ހަމަލާތައް ދޭ މީހުން ތިބޭނެ ކަމަށްވަނީ ސްރީލަންކާގެ އަސްކަރިއްޔާގެ ޔުނީފޯމު އަޅައިގެން ކަމަށްވެސް އެބުނާ ސިޓީފުޅެއްގައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ނިމިދިޔަ އާދީއްތަ ދުވަހާ ހޯމަ ދުވަސްވެސް މިފަދަ ހަމަލާތަކެއް ސްރީލަންކާގައި ދީފައި ނުވި ނަމަވެސް ކުރިއަށް އޮތް ތަނުގައި ދީފާނެ ހަމަލާއަކަށް ކަމާ ބެހޭ ފަރާތްތަކުންވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.
އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާގެ އެކި ހިސާބުތަކަށް ޓެރަރިސްޓް ހަމަލާތަކެއްދީ 250 އަށްވުރެ ގިނަ މީހުން މަރާލި ހާދިސާއާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު މިހާރު ހައްޔަރުކޮށްފައި ވީ ނަމަވެސް، ކަމާ ބެހޭ ފަރާތްތަކުން އަދިވެސް ދަނީ އިތުރު ބަޔަކު ހޯދަމުންކަން، ޖާސޫސީ އޮފިޝަލަކު ވަނީ މިއަދު ކަށަވަރުކޮށްދެއްވާފައެވެ.
ކަންމިހެން އޮތްއިރު އިންޑިއާ ފުލުހުންވަނީ މިފަދަ ހަމަލާތަކެއް ދިނުމަށް ރާވަމުންދިޔަ 29 އަހަރުގެ ފިރިހެނަކު ކެރެލާއިން ހައްޔާރުކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. އިންޑިއާގެ ނޭޝަނަލް އިންވެސްޓިގޭޝަން އޭޖެންސީއިން ބުނީ އެމީހާއަކީ ސްރީލަންކާގައި ބޮމުގެ ހަމަލާތައް ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ޒަހްރާން ހާޝިމުގެ ތަގުރީރުތަކުގެ ނުފޫޒުގައި ވަރަށް ބޮޑަށް ޖެހިފައިވާ މީހެއް ކަމަށެވެ.
މީގެ ދޮޅު ހަފުތާއެއްހާ ދުވަސްކުރިން ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެގައުމުގައި ފޭސްބުކްއާއި ވަޓްސްއެޕް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކަށް ނުވަދޭނެހެން ބަންދުކޮށްފައި އޮތް އޮތުން މިހާރު ވަނީ ނިމުމަކަށް، ގެނެސް، ސޯޝަލް މީޑިއާ ޕްލެޓްފޯމު ބޭނުންކުރުމަށް އެކްސެސް ދީފައެވެ.