މިފަހަރު އުރީދޫ މޯލްޑިވްސް އިން ބާއްވާ ކަލާ ރަން އޮންނާނީ އަންނަަ ޖޫން މަހު އައްޑޫ ސިޓީ ގައި ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިއަދު ހެނދުނު ޔޫތް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އިވެންޓު އިއުލާން ކޮށްދެއްވީ، ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް އަދި އުރީދޫގެ މެނޭޖިންގް ޑިރެކްޓާ އާއި ސީއީއޯގެ މަގާމު އަދާކުރަށްވާ ނަޖީބް ޙާން އެވެ. އުރީދޫ ކަލާ ރަން އަކީ މަގްބޫލު ދުވުމެކެވެ. އަހަރުން އަހަރަށް މަގްބޫލުކަން އިތުރުވެ، ރިކޯޑު އަދަދެއްގެ ދުވުންތެރިން ބައިވެރިވާ މިި ދުވުމުގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވައި ދޭ ހަރަކާތެއްކަން އަންގައިދިނުމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތް މިނިސްޓަރު ވިދާޅުވީ އުރީދޫ ކަލާ ރަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާ މިއީ ވަރަށް އުފާވެރި މާހައުލެއްގެ ތެރޭގައި، ސިއްހަތަށް ފައިދާ ކުރަނިވި ހަރަކާތެއްގައި ބައިވެރިވުމުގެ ފުރުސަތެއް ކަމަށެވެ. އަދި އައްޑޫގައި އުރީދޫ ކަލާ ރަން ބޭއްވޭ ކަމީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށާއި އައްޑޫގެ ހުރިހާ އުމުރު ފުރައެއްގެ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވުމަށް އުއްމީދު ކުރައްވާ ކަމަށް ޔޫތް މިނިސްޓަރު ވިދާޅުވިއެވެ.

ޔޫތް މިނިސްޓަރުގެ އިތުރުން އުރީދޫގެ މެނޭޖިންޑިރެކްޓާ ވެސް ވަނީ މި ރަސްމިއްޔާތުގައި ވާހަކަދައްކަވާފައެވެ. އެގޮތުން، ނަޖީބް ވިދާޅުވީ، ރާއްޖޭގެ ތަފާތު ހިސާބުތަކުގައިވާ ރައްޔިތުންނަށް އުރީދޫ ކަލާ ރަންގެ އުފާ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ކުރިއަށްއޮތް އުރީދޫ ކަލާ ރަން އައްޑޫގައި ބޭއްވޭ ކަމީ އުރީދޫއަށް ލިބޭ އުފަލެއް ކަމަށެވެ. އަދި މި ރަންގެ އެންމެ ހާއްސަ އެއްކަމީ، މުޅިން އައު ބައިވެރިއަކަށް ވިއަސް ނުވަތަ ތަޖުރިބާކާރު ދުވުންތެރިއަކަށް ވިއަސް، ނޫނީ އާއިލާ އާއި ރައްޓެހިންނާ އެކު އުފާވެރި ތަޖުރިބާއެއް ކޮށްލަން ބޭނުންވި ކަމުގައި ވިއަސް، ބޭނުން ކޮންމެ މީހަކަށް ވެސް މި ދުވުމުގައި ބައިވެރިވެވޭނެ ކަމަށެވެ. ނަޖީބް ވިދާޅުވީ މިފަހަރުގެ އުރީދޫ ކަލާ ރަން ވެގެން ދާނީ، ނަލަ ނަލަ އައްޑޫގައި ވަރަށް ހާއްސަ އިވެންޓަކަށް ކަމަށް އުއްމީދު ކުރާ ކަމާށެވެ.

މި ދުވުމުގައި 6 އަހަރުން މަތީގެ ހުރިހާ ފަރާތް ތަކަށް ވެސް ބައިވެރި ވެވޭނެއެވެ. އަދި 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލާ ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ،އި ޖޮގްކޮށްފައި، ދުވެފައި ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ. މި ހަރަކާތް އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި، ބައިވެރިންގެ ތެރެއިން އެންމެ ފޯރިގަދަ ދުވުންތެރިޔާ އަދި އެންމެ ސަޅި ކޮސްޓިއުމް ހޮވާ، ހާއްސަ އިނާމުތަކެއްވެސް ދޭނެއެވެ.

މި ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މައި އުރީދޫ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓާ ވެވޭނެއެވެ.