ގދ. އަތޮޅުގެ ފަޅުރަށެއްގައި ވަޅުލާފައި ހުރި 150 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން އެކަކަށް 10 ދުވަސް އަދި އަނެއް ހަތަރު މީހުން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކުރެވުނު ފަސް މީހުންގެ ތެރެއިން އެކަކަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ދީފައިވާ އިރު، އަނެއް ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްގައިވާ ކަމަށެވެ.

ކަނޑުމަގުން އެތެރެކޮށްފައިވާ ކަމަށް ބެލެވޭ މި މަސްތުވާތަކެތީގެ މަގުމަތީ އަގު 260 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ފުލުހުން ބުނެއެވެ. މިތަކެތި ހޯދާފައި ވަނީ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަނާއި ޑިވިޝަނަލް ޕޮލިސިން ކޮމާންޑްގެ އިތުރުން ޑްރަގް އިންޓޭލިޖެންސް ޔުނިޓް ގުޅިގެން ހިންގި އޮޕްރޭޝަނެއްގައެވެ.

ފުލުހުން ހޯދި މަސްތުވާތަކެތި / ފޮޓޯ: ޕޮލިސް

ފުލުހުން މިތަކެތި ހޯދުމަށް ހިންގި އޮޕްރޭޝަން 3 ދުވަސް ވާންދެން މެދުނުކެނޑި ކުރިއަށް ގެންގޮސްފައި ވާކަމަށް ފުލުހުން ބުނެއެވެ. އަދި މި ތިން ދުވަހު ގދ. އަތޮޅުގެ ކަނޑުގެ ސަރަހައްދާއި ފަޅުރަށްތައް މެދު ކެނޑުމެއްނެތި ބަލާފައިި ވާކަމަށް ފުލުހުން ބުނެއެވެ.