ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެގައުމުގައި ތަންފީޒު ކުރައްމުންދާ ކުއްލި ނުރައްކަލުގެ ހާލަތުގެ ގާނޫނުގެ ދަށުން، ކަންފަތް ފޮރުވޭނެހެންވެސް ބުރުގާ އެޅުން މަނާކޮށް ވަގުތީ ގޮތުން ގެޒެޓްކޮށްފިއެވެ.
ކަންފަތް ފޮރުވޭހެން ބުރުގާ އެޅުން ލަންކާގައި މަނާކޮށްފައި ވާއިރު ގިނަ އަދަދެއްގެ ދިވެހިންވެސް ބޭނުން ކުރަމުން އަންނަ ހިޖާބު ކަންފަތް ފޮރުވޭ ގޮތަށް އެޅުންވެސް މަނާވީއެވެ.
ކުއްލި ހާލަތުގެ ދަށުން ގެޒެޓް ކޮށްފައިވާ ގާނޫނުގައިވާ ގޮތުން އެމީހަކީ ކާކުކަން ނޭނގޭ ގޮތަށް މުޅި މޫނު ނިވާ ވާނެހެން އާންމު ތަންތާނގައި ބުރުގާ އަޅައިގެން އުޅުމަކީ މަނާކަމެކެވެ. ގާނޫނު މަނާ ކޮށްދެމުން އިތުރަށް ތަފްސީލު ކޮށްދީފައިވާ ގޮތުގައި މުޅި މޫނު ނިވާކުރުމޭ ބުނެފައި ވަނީ މޫނުމަތީގެ ހުރިހާ ގުނަވަންތަކެއް ފާޅުވާން ހުރުން ކަމުގައި ބުނެފައި ވާއިރު އޭގެ ތެރޭގައި 2 ކަންފަތްވެސް ފެންނަންޖެ ހޭނެ ކަމަށް ވަނީ ބަޔާން ކޮށްފައެވެ.
އާންމު މާނަތަކަށް ބަލާއިރު، ބުރުގާ އަކީ މުޅި މީހާގެ ހަށިގަނޑުން އެއްވެސް ތަނެއް ފާޅުވާން ނުހުންނާނެހެން ނިވާ ވާ ގޮތަށް ހަށިގަނޑު ފަރޮވާ ހެދުމެކެވެ. ނިގާބަކީވެސް މުޅި ހަށިގަނޑު ފޮރުވާ ހެދުމެކެވެ. ނަމަވެސް ނިގާބުގައި ދެލޯ ފެންނަން ހުންނާނެއެވެ. ދެން ހުންނަނީ ދިވެހިންގެ މެދުގައިވެސް އާންމު ހިޖާބެވެ. މިއީ އެއްވެސް ވަރަކަށް މޫނު ނިވާ ނުކުރާ ހެދުމެކެވެ.